ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓްތައް ފްރީޒުކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތެއް މާދަމާއަށް ތަވަލުކޮށްފިއެވެ.
ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒުކޮށްދިނުމަށް އެދި ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ މިދިޔަ އަހަރުގެ މެއި މަހު ބޭއްވި ޝަރީއަތެއްގައެވެ. ޕީޖީގެ ފަރާތުން އެގޮތަށް އެދުނީ ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު، ހައިކޯޓުން ބާތިލުކުރުމާ ގުޅިގެންނެވެ.
ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ތައާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.
މިދިޔަ އަހަރުގެ މެއި މަހު ބޭއްވި ރައީސް ޔާމީންގެ ޝަރީއަތެއްގައި ޕީޖީގެ ފަރާތުން އެދުނީ ޔާމީންގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފާއިވާ އެކައުންޓާއި މޮރީޝިއަސް ބޭންކްގައި ހުޅުވާފައިވާ އެކައުންޓް ވެސް ފްރީޒުކުރުމަށެވެ. އަދި އިސްލާމިކް ބޭންކްގެ އަށް އެކައުންޓް ފްރީޒު ކުރުން ހުއްޓުވި ހައިކޯޓުގެ ހުކުމް ބާތިލް ކުރަން ވެސް އެދުނެވެ.
އެ ޝަރީއަތުގައި ހައިކޯޓުން ޔާމީންގެ އެކައުންޓްތައް ފްރީޒުކުރުން ހުއްޓުވި އަމުރަށް އަމަލު ކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށްވެސް ޕީޖީގެ ފަރާތުން އެދުނެވެ.
ޔާމީންގެ އެކައުންޓުތައް ފްރީޒުކުރި އަމުރު ހައިކޯޓުން ބާތިލު ކުރީ އެ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ ހަތްވަނަ މާއްދާގައި ބުނާ އިޖުރާއަތްތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ކަނޑައަޅުމަށްފަހުއެވެ.
ހައިކޯޓުގެ ހުކުމްގައި ބުނީ އެމްއެމްއޭގެ ސިޓީއާއި އެކައުންޓް ފްރީޒް ކުރުމުގެ އަމުރު ނެރެދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމާ ދެމެދު މޮނީޓަރިން އަމުރަކަށް އެދި ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދައުލަތަށް ލިބިގެން ގޮސްފައިވާ އިރު، ދައުލަތުގެ ފަރާތުން މޮނިޓަރިން އަމުރަކަށް އެދި ހުށަހަޅާފައިނުވާ ކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން އެންމެ ފުރަތަމަ އެދެން ޖެހޭނީ އެކައުންޓް މޮނީޓާކުރުމުގެ އަމުރަކަށެވެ. އެ މާއްދާގައި މީހެއްގެ ބޭންކް އެކައުންޓް މޮނީޓާކުރުމުގެ އަމުރަކަށް އެދެވޭނެ ހާލަތްތައްވެސް ބަޔާންކުރެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން މޮނިޓާކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ ބެލުންތަކުން ޖިނާއީ ބޮޑު ކުށެއް ފާހަގަވާކަމަށްވާނަމަ، އެ އެކައުންޓްގައިވާ ފައިސާ، ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުޢާމަލާތްކުރުން ހުއްޓުވުމުގެ ކޯޓު އަމުރަކަށް ގާނޫނު ތަންފީޒުކުރާ އިދާރާއަށް އެދެވިދާނެއެވެ.
ކުރިމިނަލް ކޯޓުން ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމުގެ އަމުރެއް ނެރުނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އެކަމާ ގުޅުން ހުރި ފައިސާ ނުހިފަހައްޓައިފިނަމަ، އެ ފައިސާއިން މާލީ މަންފާއެއް ހޯދުމަށް ފުރުސަތު ހުޅުވިފައި އޮންނާނެތީއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު