އިދިކޮޅު ޕީޕީއެމް ޕީއެންސީން "އިންޑިއާ އައުޓް"ގެ ނަމުގައި މިހާރު ހިންގާ ހަަރަކާތަކީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެގެން ހިންގާ ހަރަކާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައީސް ނަޝީދަށް ރައްދު ދެއްވައިދިއެވެ.
އިދިކޮޅު ހަރަކާތުގެ ފަހަތުގައި ހަރުކަށި ފިކުރުމުގެ މީހުން ތިކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ހަބަރެއް ރީޓުވީޓް ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ސައީދު ވިދާޅުވީ އެންމެ ފުރަތަމަ ރައީސް ނަޝީދު އިސްލާހު ވާން ޖެހޭ ކަމަށެވެ.
ރައީސް ނަޝީދު ހައްދުފަހަނައެޅުމުން ދުރަށް ޖެހިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ވާހަކަ ދައްކަވައިގެން ޕާޓީގެ ވެރިޔަކީ ކޮބައިކަން ނިންމަވަންވީ ކަމަށްވެސް ސައީދު ވިދާޅުވެފައި ވެއެވެ.
ސައީދު ވިދާޅުވީ، "ގައުމީ ކަންކަމުގައި ގޮތް ކިޔާނީ ދިވެހިން،" ކަމަށެވެ.
ޕީޕީއެމް/ޕީއެންސީން "އިންޑިއާ އައުޓް"ގެ ނަމުގައި ކެމްޕެއިނެއް ފަށާފައިވާއިރު، "ގައުމު ވިއްކާލުމާ ދެކޮޅަށ" ގެ ނަމުގައި އިދިކޮޅުން ބައިވެރިވެގެން އިއްޔެ ވަނީ ސައިކަލު ބުރެއްވެސް ބާއްވައިފައެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޕީޕީއެމް އާއި ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ގެންދަވަނީ ހަރުކަށި މީހުންގެ ނާޖާއިޒު ފައިދާ ނަންގަވަމުން ކަމަށެވެ. އެއީ ޕީޕީއެމުން ކުރާ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށާއި ރާއްޖޭގެ މިނިވަންކަން އެންމެ ފަސޭހައިން ގެއްލޭނެ ކަމަކީ ވެސް އެކަމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު ތުހުމަތު ކުރައްވާފައިވާ ގޮތުގައި އިދިކޮޅު ޕީޕީއެމް ޕިއެންސީގެ މަސައްކަތަކީ އައިސިސް ރާއްޖެ ހިފުމުގެ ޕްލޭނަކަށް ކުރާ މަސައްކަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ވާހަކަ ދައްކަވައިގެން ޕާޓީގެ ވެރިޔަކީ ކޮބައިކަން ނިންމެވުމަށް ސައީދު ރައީސް ނަޝީދަށް ދަންނަވާފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މަގާމުން ދުރު ކުރެއްވުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން ވަޒީރު ކަމުގެ މަސްއޫލިއްޔަތާ ފައްޔާޒު ދުރު ކުރެއްވުމަށް ބާރު އެޅުވުމަށް އެދިވަޑައިގެން ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް ފޮނުއްވި ސިޓީފުޅާ ގުޅިގެން، އެމްޑީޕީގެ އިސް ސިޔާސީ ލީޑަރަކީ ކޮބައިކަމާ މެދު އުފެދިފައިވާ ހިޔާލު ތަފާތުވުމަށް ނިސްބަތް ކުރައްވައެވެ.
ރައީސް ނަޝީދު ހަސަން ލަތީފަށް ފޮނުއްވި އެ ސިޓީފުޅާ ގުޅިގެން، ޕާޓީގެ އުސޫލުތަކާ ހިލާފަށް ރައީސް ނަޝީދު ވަސީލަތްތައް ބޭނުން ކުރައްވާކަމަށް ތުހުމަތު ކުރައްވައި ރައީސް ނަޝީދަަށް ފިޔަވަޅު އެޅުއްވުމަށް އެދިވަޑައިގެން، އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ފުރަހަނި ޝުއައިބު އަލީ ހަސަން ލަތީފަށް ސިޓީއެއް ފޮނުއްވިއެވެ.
އޭނާގެ ސިޓީގައި ޕާޓީގެ އެންމެ އިސް ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަމަށާއި ފަސް އަހަރު ދުވަހުގެ ތެރޭގައި މި ވެރިކަން ބަދަލުކޮށް ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރަން ރައީސް ނަޝިދު ކުރައްވާ މަސައްކަތާ މެދު ނުރުހޭ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އަދި ރައީސް ނަޝީދު ޕާޓީގެ އަސާސީ ގަވައިދާވެސް ހިލާވެވަޑައިގެންފައިވާ ކަމަށް ޝުވެއިބުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
ނަމަވެސް ފުރަހަނި ޝުއައިބުގެ ސިޓީއަށް ޖަވާބު ދެއްވައި ހަސަން ލަތީފު ވިދާޅުވެފައިވަނީ، ޕާޓީގެ އުސޫލުތަކާ ހިލާފަށް ޕާޓީގެ ރައީސް ވަސީލަތްތައް ބޭނުން ނުކުރައްވާ ކަމަށެވެ. ރައީސް ނަޝީދުގެ އެ ސިޓީފުޅަކީ އެމަނިކުފާނު އަމިއްލަ ހައިސިއްޔަތުން ފޮނުއްވެވެވި ސިޓީއެއް ނޫން ކަމަށާއި އެ ސިޓީފުޅަކީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ ރައީސްގެ ހިޔާލުފުޅު ހިމަނައި، ލިޔުއްވާފައިވާ ރަސްމީ ސިޓީއެއް ކަމަށެވެ.
ހަސަން ލަތީފު ވިދާޅުވެފައިވަނީ ޕާޓީގެ ރައީސްގެ މަގާމަކީ ޕާޓިގެ އެންމެ އިސް މަގާމު ކަމަށާއި ސިޔާސީ ކަންކަމުގައި ޕާޓީ ތަމްސީލު ކުރާ އަދި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ވާޖިބު އަދާކުރާ އެންމެ އިސް ފަރާތަކީ އެއީ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ނަމަވެސް އެމްޑިޕީގެ އަސާސީ ގަވާއިދުގެ 75 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، ޕާޓީ މެންބަރަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަ ނަމަ ޕާޓީގެ އެންމެ އިސް ފަރާތަކީ އެމީހަކު ކަމަށެވެ. އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނަ އިރު ޕާޓީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަމަށެވެ.
މެމްބަރު މުހައްމަދު ސައީދު
މެމްބަރު މުހައްމަދު ސައީދު
މެމްބަރު މުހައްމަދު ސައީދު
މެމްބަރު މުހައްމަދު ސައީދު