އެމްޓީސީސީ

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓާ ބޮޑުކުރުމުގެ މަޝްރޫއުގެ 18 ޕަސެންޓު މަސައްކަތް ނިމިއްޖެ

މަރިޔަމް ޝަހުދާ

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓާ ބޮޑުކޮށް، މަރާމާތު ކުރުމުގެ މަޝްރޫއުގެ 18 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއުގެ ދަށުން އެ ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގެ ލިފްޓުގެ ފާރު ކާސްޓް ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން އެފަންގިފިލާގެ ސިޑިގޮޅި މަރާމާތު ކުރުމުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

މި މަޝްރޫއުގެ ދަށުން ލެބޯޓަރީއަކާއި ވޯޑް އިމާރާތެއް ހެދުމުގެ އިތުރުން އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. މިހާރު މި މަޝްރޫއުގެ ދަށުން ދެވަނަ ފަންގިފިލާގެ ސްލެބް އެޅުމަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްޓީސީސީން މައުލޫމާތު ދެއެވެ

ހެލްތު މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 30.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ މިއަހަރު މެއި މަހުގެ ތެރޭގައި ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.