ޅ. ނައިފަރުން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، ނައިފަރުން މިއަދު ޕޮޒިޓިވްވީ ބަންގްލަދޭޝް ފިރިހެނެއް ކަމަށާއި އޭނާއަކީ އެރަށުން ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓެއް ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ނައިފަރުގައި މިވަގުތު ކޮވިޑް ޖެހިފައިވާ ހަތް މީހަކު އެބަ ތިއްބެވެ. އެއީ ހަ ދިވެހިންނާއި ބިދޭސީ އެކެވެ. ނަމަވެސް މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހާއަށް ބަލި ޖެހުނީ ކާކުގެ ފަރާތުން ކަމެއް އަދި ނޭނގެ އެވެ.

މިއަދު އަތޮޅު ތެރެއިން އަށް މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއީ ހއ. ކެލާ އާއި އެ އަތޮޅު ދިއްދޫގެ އިތުރުން ތ. ވޭމަންޑޫ، ނ. މަނަދޫ، ރ. ދުވާފަރުގެ އިތުރުން ކޮވިޑް ޖެހިފައިވާ އެންމެ ގިނަ ބަޔަކު ތިބި ހޯނޑެއްދޫން ދެ މީހަކެވެ. މި މީހުންގެ ތެރެއިން ދުވާފަރުން ފެނުނު ކޭސް އަކީ ވެސް ކޮވިޑަށް ޕޮޒިޓިވް މީހެއްގެ ކޮންޓެކްޓެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ރާއްޖޭގެ 26 ރަށެއްގައި ކޮވިޑް ޖެހިފައިވާ 90 މީހަކު އެބަ ތިއްބެވެ. އެއީ 82 ދިވެހިންނާއި އަށް ބިދޭސީ އެކެވެ.

އޭގެ އިތުރުން އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީތަކުގައި އަށް މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.