ގދ. ހޯނޑެއްދޫން އިތުރު ދެ މީހަކު ޕޮޒިޓިވްވެ، އެ ރަށުން ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 38 އަށް އަރައިފި އެވެ.

އެރަށުން ފުރަތަމަ ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ތިބި އާއިލާއެއްގެ ހަތަރު މެންބަރެކެވެ. ކަރަންޓީނުން ދޫކޮށްލުމަށް ނެގި ރިލީސް ސާމްޕަލުން އެމީހުން ޕޮޒިޓިވްވިކަން އެނގުނީ މިމަހުގެ ތިންވަނަ ދުވަހު އެވެ.

ނަމަވެސް މިދިޔަ ހުކުރު ދުވަހު ފުރަބަންދުގައި ތިބި މީހުންނާ ގުޅުމެއް ނެތް ދެ މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނިގެން ޓެސްޓު ކުރި އިރު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު އެރަށުން އިތުރު 19 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، ހޯނޑެއްދޫން މިއަދު ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އުމުރުން 18 އަހަރުގެ އެ ދެ މީހުންނަކީ ވެސް ޕޮޒިޓިވް މީހެއްގެ ކޮންޓެކްޓުން ކަމަށް އެ އެޖެންސީން ބުނެ އެވެ.

މި ދެ ކޭސްއާއެކު އެރަށުން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ ވަނީ 38 އަށް އަރައިފަ އެވެ.

ހޯނޑެއްދުއަށް ކޮވިޑް ބަލި ދިޔައީ ކިހިނެއްކަން ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ އިރު، ހޯނޑެއްދޫ އާއި ކޯސްވޭއަކުން ގުޅިފައި އޮންނަ މަޑަވެލި ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.