ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީ އިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން ކުޅުދުއްފުއްޓާއި ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އިމާރާތް އިމާރާތް ކުރުމުގެ މަސައްކަތަށް ބީލަން ހުޅުވާލައިފަ އެވެ.
މި ދެ ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 2.3 މިލިއަން ރުފިޔާ ދައްކަން ޖެހޭއިރު މަސައްކަތަށް ޝަރުތު ހަމަވާ މީހުން ހޯދުން ކުރިއަށް ގެންދަނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުގެ މަތިން ކަމަށް އިއުލާނުގައިވެ އެވެ.
ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ. އެ ފައިސާ ބަލައިގަންނާނީ މިމަހުގެ 13 އިން އަންނަ މަހުގެ 21 އަށެވެ. ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު އެވެ.
މަސައްކަތްތަކާ ބެހޭ ލިޔެކިޔުންތަކުގެ ސޮފްޓްކޮޕީ މިމަހުގެ 14 އިން ފެށިގެން ފިނޭންސްގެ ވެބްސައިޓުން ލިބޭނެެ އެވެ. އަދި ޕްރޮޖެކްޓްތަކާ ގުޅޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ އީމެއިލް މެދުވެރިކޮށް 1 އޮކްޓޯބަރުގެ ކުރިން ހުށަހެޅޭނެ އެވެ.
މި ސަރުކާރުން ވަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރަން ނިންމައިފަ އެވެ. އެއީ ހދ. ކުޅުދުއްފުއްޓާއި ރ. އުނގޫފާރާއި ގދ. ތިނަދޫ އާއި ލ. ގަން އަދި އައްޑޫ ސިޓީ ހިތަދުގަ އެވެ. ހިތަދޫގައި ހުންނަ އައްޑޫ ކޮންވެންޝަން ސެންޓަރު އިމާރާތް އީކުއެޓޯރިއަލް ހޮސްޕިޓަލަކަށް ބަދަލުކޮށް އެތަނުން މިހާރު އަންނަނީ ހިދުމަތް ދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު