ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން ހުރެވޭނީ ވިދިވިދިގެން އަށް އަހަރު ކަމަށް ހަމަޖައްސައި ސަރުކާރު ސްކޫލުތަކުގައި ޕްރިންސިޕަލުން ވަޒީފާއަދާކުރާ ސްކޫލު ކަނޑައެޅުމުގެ އުސޫލެއް މިއަދު އާއްމުކޮށްފި އެވެ.

ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވާލާފައިވާ މިއުސޫލު މިހާރު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކޮށްފަ އެވެ.

ސަރުކާރުގެ ސްކޫލުތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސްކޫލުތަކަށް އެންމެ އެކަށީގެންވާ ގާބިލު ޕްރިންސިޕަލުން އައްޔަންކުރުމާއި ދިގު މުއްދަތަކަށް އެއް ސްކޫލެއްގައި ޕްރިންސިޕަލުން ތިބުމުން ދިމާވާ ބައެއް ނޭދެވޭ މައްސަލަތަކަށް ހައްލު ހޯދުމުގެ މަގުސަދުގައި ހަދާފައިވާ އެ އުސޫލުގައި ބުނެފައިވަނީ ޕްރިންސިޕަލުންގެ މަގާމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމަކަށްވާއިރު ސްކޫލުތަކަށް ބޭނުންވާ ޕްރިންސިޕަލުން ހޯދަން އިއުލާނުކުރަންވާނީ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

އޭގެ އިތުރުން ޕްރިންސިޕަލުންގެ މަގާމަށް ހޮވާ ފަރާތެއް ކަނޑައަޅާނީ "ތައުލީމީ ދާއިރާގެ ފަންނީ މަގާމުތަކަށް މީހުން ހޮވުމުގައި މާކުސް ދިނުމުގެ އުސޫލު"ގައި ބަޔާންކުރާ މިންގަނޑާ އެއްގޮތަށް ކަމަށާއި އަދި އެ މަގާމަކީ ސިވިލް ސާވިސް ކޮމިޝަންގެ "ދާއިމީ" ގިންތީގައި ހިމެނޭ މަގާމަކަށްވާތީ އެ މުވައްޒަފުންނާ މެދު އަމަލުކުރެވޭނީ ސިވިލް ސާވިސް ގަވައިދުގެ ތެރެއިން އެ ގިންތީގެ މުވައްޒަފުންނާ މެދު އަމަލުކުރާ ގޮތަށް ކަމަށް އުސޫލުގައިވެ އެވެ.

ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލު ކަނޑައަޅާނީ އުސޫލުގައި ބުނާގޮތުން، އެޑިއުކޭޝަން މިނިސްޓަރުގެ ލަފާގެ މަތިން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ހިމެނޭގޮތަށް އެކުލަވާލާ ފަސް މެންބަރުންގެ ދާއިމީ ކޮމިޓީއަކުންނެވެ. އެ ކޮމިޓީ އެކުލަވާލަން ޖެހޭނީ ވެސް ޕީއެސް އެވެ.

މިހާތަނަށް އަމަލުކުރަމުން އައިގޮތަށް ބަލާއިރު ސްކޫލަކަށް ޕްރިންސިޕަލަކު ހޯދަން އިއުލާނުކުރުމަށްފަހު އެ މީހަކާ އިންޓަވިއު ކުރަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕެނަލަކުންނެވެ.

އުސޫލުގައި އިތުރަށް ބުނީ، ޕްރިންސިޕަލްގެ މަގާމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އޮނިގަނޑުގެ ދާއިމީ މަގާމަކަށް ވިއަސް ޕްރިންސިޕަލުން ތިބެން ޖެހޭނީ އެ މަގާމެއްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ސަރުކާރުގެ ސްކޫލެއްގައި ޓެނުއަޝިޕުގައި ކަމަށެވެ.

އެގޮތަށް ސަރުކާރު ސްކޫލެއްގައި ޕްރިންސިޕަލްގެ މަގާމުގައި ހުރެވޭނެ މުއްދަތަކީ ހަތަރު އަހަރު ކަމަށާއި އަދި އެއް ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން މަސައްކަތްކުރެވޭނީ ވިދިވިދިގެން އަށް އަހަރު ކަމަށް ވެސް އުސޫލުގައި ވެއެވެ. ނަމަވެސް ޓެނުއާޝިޕްގެ މުއްދަތުގައި ޓެނުއާޝިޕް އެހެން ސްކޫލަކަށް ބަދަލުކުރުމާމެދު ގޮތެއް ނިންމާނީ ކޮމިޓީން ކަމަށް އުސޫލުގައި ބުނެފައިވެ އެވެ. މީގެ ކުރިން އޮންނަ ގޮތުނަ ނަމަ ޕްރިންސިޕަލަކަށް އެއް ސްކޫލެއްގައި ކިތަންމެ ދުވަހެއް ވަންދެން ވެސް މަސައްކަތްކުރެވޭނެ އެވެ.

ޓެނުއާޝިޕް އުސޫލުން ޕްރިންސިޕަލުން ސްކޫލުތަކަށް ހަމަޖައްސަން އިންޓާނަލީ އިއުލާނުކުރަން ޖެހޭނެ އެވެ. އެގޮތަށް ކުރާ އިއުލާނުގައި އެ ވަގުތު ޕްރިންސިޕަލުން ޓެނުއަޝިޕް އުސޫލުން ހަމަޖައްސަން ބޭނުންވާ ސްކޫލުތައް ބަޔާންކުރަންވާނެ އެވެ.

ޓެނުއަޝިޕް އުސޫލުން ޕްރިންސިޕަލުން ސްކޫލުތަކަށް ހަމަޖެއްސުމުގައި ޕާފޯމަންސް އެޕްރައިޒަލް އަށް 50 މާކްސް އަދި ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލު ކަނޑައަޅާ ކޮމިޓީން ގާބިލުކަން ދެނެގަތުމަށް ކުރާ އިންޓަވިއުއަށް ވެސް 50 މާކްސް ކަނޑައަޅާފައިވެ އެވެ.

އުސޫލުގައި ބުނެފައިވާ ގޮތުން، އެ އުސޫލު އާއްމުކުރާ ދުވަހުން ފެށިގެން އެއަށް އަމަލުކުރަން ޖެހެއެވެ. އެއާއެކު ސަރުކާރުގެ ސްކޫލުތަކުގެ އިދާރީީ އޮނިގަނޑުގައި ތިބި ޕްރިންސިޕަލުން އެޑިއުކޭޝަން މިނިސްޓްރީގެ އިދާރީ އޮނިގަނޑަށް ބަދަލުވާނެ އެވެ. އެ ޕްރިންސިޕަލުންނަށް އެއް އަހަރު ދުވަހުގެ ތެރޭގައި ޕްރިންސިޕަލުންގެ ޓެނުއަޝިޕް ހަމަޖައްސައި ނިންމަން ޖެހޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އެ އުސޫލު އާއްމުކުރީ އިއްޔެ ނަމަވެސް އުސޫލުގެ ތާރީހެއް ކަމަށް ޖަހާފައިވަނީ ޖެނުއަރީ 16، 2020 އެވެ.