ރާއްޖޭގެ ތައުލީމީ ނިޒާމު އިތުރަށް ހަރުދަނާކޮށް ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި، ސްކޫލް ފޮތްތަކަށް ގެންނަން ނިންމާފައިވާ ބަދަލުތައް އަންނަ ދިރާސީ އަހަރު ގްރޭޑް 1 ގެ ފޮތްތަކުން ފެށުމަށް ހަމަޖައްސައިފިއެވެ.

ބައިނަލްއަގުވާމީ ޓީޗަރުންގެ އަށްވަނަ މަހާސިންތާގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދައްކަވަމުން، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ ދަރިވަރުން ކަންކަން ދަސްކުރާ މިންވަރު އިތުރުކުރުމުގެ މަގުސަދުގައި ކީ ސްޓޭޖް 1 (ގްރޭޑް 1 އިން 3 އަށް) ގެ ފޮތްތައް މުރާޖައާ ކުރަމުންދާ ކަމަށެވެ.

ފޮތްތަކަށް ގެންނަ މައިގަނޑު އިސްލާހަކީ މާއްދާތަކުގެ 'ލާނިން އޮބްޖެކްޓިވްސް' އެކަތި އަނެކައްޗާ ގުޅުވައިލުމެވެ. މީގެ ސަބަބުން ކިޔަވައިދިނުމުގައްޔާއި އުނގެނުމުގައި ކުދިންނަށާއި މުދައްރިސުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ލަތީފު މުހައްމަދު ވިދާޅުވީ ކޮންމެ މާއްދާއެއް ވަކިން ކިޔަވައިދިން ކަމުގައި ވިޔަސް، މަސައްކަތް ކުރަނީ އެއް މާއްދާއިން ދަސްވާ ކަންކަން އަނެއް މާއްދާއާ ގުޅުވައިދީގެން ކުދިންނަށް ފަސޭހައިން ދޭހަވާނެ އުސޫލަކުން ފޮތްތައް އެކުލަވާލުމަށް ކަމަށެވެ. އެގޮތުން އިނގިރޭސި، ހިސާބު އަދި އިސްލާމް ފަދަ މާއްދާތަކާއި، ސައިންސް، ސޯޝަލް ސްޓަޑީޒް، ކްރިއޭޓިވް އާޓްސް އަދި ކަސްރަތު ފަދަ މާއްދާތައް އެކަތި އަނެކައްޗާ ލާމެހިގެންދާނެ ގޮތްތައް ބަލައިގެން ބަދަލުތައް ގެންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެ މަސައްކަތްތައް ކުރިއަށް ގެންދާނީ ކެމްބްރިޖް ޔުނިވާސިޓީ ޕްރެސް އެންޑް އެސެސްމަންޓުގެ ފަންނީ އެހީތެރިކަމާ އެކުގައިކަމަށް ލަތީފު ވިދާޅުވިއެވެ.