ކުއްޖާ ބައްޓަންކުރުމުގައި މުދައްރިސަށް ލިބިގެންވާ ބާރާއި އިހުތިޔާރު މުޖުތަމައުން ބަލައިގަންނަން ޖެހޭކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ޝަހީދު އަލީ ސްކޫލުގައި ކުރިއަށްގެންދާ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި، ކުއްޖާއަށް ހަގީގީ ބަދަލު ގެންނަ ފަރާތަކީ ޓީޗަރުންނެވެ. އަދި ބެލެނިވެރިންނާ ގުޅިގެން ކުއްޖާއަށް ތަފާތު ކަމެއް ގެނައުމުގެ މޭސްތިރިންނަކީ ވެސް މުދައްރިސުންކަން ފާހަގަކުރެއްވިއެވެ. މި ކޮންފަރެންސްގެ އެންމެ ބޮޑު ބޭނުމަކީ ތައުލީމީ ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި، ކްލާސްރޫމުގެ އާދަތަކާއި، ދިރާސާތައް ގުޅުވާލުން ކަމަށް ވެސް ވިދާޅުވިއެވެ.
ދަރިވަރުންގެ ނަތީޖާ މިހާރަށްވުރެ ރަނގަޅުކުރުމަށްޓަކައި ކޮންޓެންޓަށް ގެންނަންޖެހޭ ބަދަލުތައް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) މެދުވެރިކޮށް ގެންނަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިގޮތުން، އަންނަ އަހަރު ކީ ސްޓޭޖް އެކެއްގެ ގްރޭޑް އެކެއްގެ ފޮތްތަކަށް ބޮޑު ބަދަލެއް އަންނާނެކަމަށް ވިދާޅުވިއެވެ. ނަމަވެސް، ފޮތްތައް ބަދަލުކުރި ކަމުގައި ވިޔަސް، ހަގީގީ ބަދަލެއް އަންނާނީ ޓީޗަރުން ކުރާ މަސައްކަތުން ކަމަށާއި، މުހިންމީ ތުއްތު ދަރިވަރުންގެ ތައުލީމު ބައްޓަންކުރަން ވިސްނާ ގޮތް ކަމަށް ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ގޮތަށް ތައުލީމީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން، ސާނަވީ އަދި މަތީ ސާނަވީ މަރުހަލާއާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ. ކުރިން 30 ނުވަތަ 40 އިންސައްތައިގައި އޮތް މަތީ ސާނަވީގެ ބައިވެރިވުން މިހާރު 50 އިންސައްތައަށް މަތިވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މާލޭގައި ގާއިމުކުރާ ވޮކޭޝަނަލް ހައި ސްކޫލާއެކު، ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި މަތީ ސާނަވީއަށް ޖާގަދެވޭ މިންވަރު 65 އިންސައްތައަށް އިތުރުކުރުމަކީ އަމާޒެއްކަމަށް ވިދާޅުވިއެވެ.
ސްކޫލްތައް ހިންގުމުގަޔާއި މުޖުތަމައުއާ ގުޅުން ބަދަހިކުރުމުގައި ޓީޗަރުން ޝާމިލުކުރުމަށް ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ. ކުއްޖާ ބައްޓަންކުރުމުގައި މުދައްރިސަށް ލިބިދޭ ބާރާއި ފުރުސަތު ހަނިކޮށްފިނަމަ، ކުއްޖާގެ ހަޔާތުން މުހިންމު ބައެއް އުނިވެގެންދާނެކަމުގެ އިންޒާރުދެއްވިއެވެ. މިއަދު ކިޔަވައިދޭ ކުދިންނާއި މާދަމާ ތިބޭ ކުދިން ތަފާތުވާނެ ކަމަށާއި، މިކަމަށް މުދައްރިސުން ތައްޔާރުވެގެން މެނުވީ ހަގީގީ ކާމިޔާބެއް ނުލިބޭނެކަން ފާހަގަކުރެއްވިއެވެ.
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
ކޮމެންޓް