ޚަބަރު

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން އުރީދޫން ޑެސްޓިނޭޝަން މާކެޓިން ކެމްޕޭނެއް ލޯންޗުކޮށްފި

އަލީ އަފާފް ރަމީޒު

"ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި އުރީދޫ އިން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ޑެސްޓިނޭޝަން މާކެޓިން ކެމްޕޭނެއް ލޯންޗްކޮށްފިއެވެ.

އުރީދޫން "ވިޒިޓް މޯލްޑިވްސް ނައު" ލޯންޗް ކުރި ކެމްޕޭނަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ޓޫރިޒަމް މިނިސްޓްރީ އަދި އޯކާ މީޑިއާ ގްރޫޕާ ގުޅިގެންނެވެ. މި ކެމްޕޭނުގައި ދުނިޔޭގެ 10 ގައުމަކުން 117 މިލިއަން މީހުންނަށް ވާސިލުވާނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ މި ކެމްޕޭންގެ ދަށުން މީޑިއާ ޕާޓްނަރުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހިތްގައިމު ރީތި މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރެވިގެންދާނެ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ހިއްސާކުރާ މި ޕޯސްޓުތަކަށް ކޮމެންޓްކޮށް ޝެއާ ކުރާ ފަތުރުވެރިންގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް ރާއްޖޭގެ ހޮޓެލްތަކުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް އުރީދޫން ބުންޏެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދު ވިދާޅުވި މި ކެމްޕޭންގެ ކާމިޔާބާއެކު ރާއްޖޭގެ ރީތިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަވާލެވިގެންދާނެ ކަމަށެވެ. އަދި މި ކެމްޕެއިންގެ ސަބަބުން ގިނަ ފަތުރުވެރިންތަކެއް ރާއްޖެ އައުމަށް ހިތްޖެހިގެންދާނެ ކަމަށެވެ.

"އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ ވިޒިޓް މޯލްޑިވްސް ނައު ޑެސްޓިނޭޝަން ކެމްޕޭންގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކެމްޕޭންގެ ކާމިޔާބާއެކު ރާއްޖޭގެ ރީތިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަވާލެވިގެންދާނެ. އަދި މީގެ ސަބަބުން ގިނަ ޓޫރިސްޓުންތަކެއް ރާއްޖެ އައުމަށް ހިތްޖެހިގެންދާނެ. ދިވެހިރާއްޖެއަކީ ދުނިޔެ މި އޮތް ހާލަތުގައި ފަތުރުވެރިން ޒިޔާރަތްކުރަން ރައްކާތެރި މާހައުލެއް، ފަތުރުވެރިންގެ ރައްކާތެރިކަން ގާއިމުކުރުމަށް އަޅުގަނޑުމެން ވަނީ އެތަކެއް ފިޔަވަޅުތަކެއް އަޅާފައި،" ތޮއްޔިބް ވިދާޅުވިއެވެ.

އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބު ހާން ވިދާޅުވީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ހީނަރުކަން އައިސް، ގިނަ އާއިލާތަކަކަށް އޭގެ ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށްޓަކައި މި ކެންޕޭންގެ ސަބަބުން އެހީތެރިވެދޭނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަމުން މިދަނީ އުރީދޫ ބައިނަލްއަގުވާމީ ނެޓްވޯކް މެދުވެރިކޮށް އަދި ލިބިފައިވާ އެހެނިހެން ވަސީލަތްތަކުގެ އެހީގައި އުރީދޫގެ ހިދުމަތް ފޯރުކޮށްދޭ މުޖުތަމައުތަކުގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، ކުރިއެރުން ހޯދައިދިނުމަށް. ކޯވިޑާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަށް އައިސްފައިވާ ލޮޅުމާއި ގުޅިގެން އެތަކެއް އާއިލާއަކަށް ވަނީ ދަތިތަކާ ކުރިމަތިވެފަ. އެހެންކަމުން މިދަތިތަކުން އަރައިގަތުމަށް ގައުމީ އެއްބާރުލުމަކާއެކު އަޅުގަނޑުމެން ވިސިޓް މޯލްޑިވްސް ނައު ޑެސްޓިނޭޝަން ކެމްޕޭނުން މި ފަށައިގަންނަނީ ރާއްޖޭގެ ރީތިކަން ޕްރޮމޯޓްކޮށް، ފަތުރުވެރިކަމުގެ ދާއިރާއަށާއި އެތަކެއް އާއިލާއަކަށް ފާގަތިކަން ގެނުވައިދިނުމުގެ އުއްމީދުގައި،" ނަޖީބް ހާން ވިދާޅުވިއެވެ.

އުރީދޫން ބުނީ ވިޒިޓް މޯލްޑިވްސް ނައު، ކެމްޕޭންގެ މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަން ބާރު ސްޕީޑެއްގައި ފަށައިގަނެ އަލުން އިޔާދަކުރުން ކަމަށެވެ. މި ކެމްޕޭން ކުރިއަށްދާނީ މި މަހުން ފެށިގެން އަންނަ އަހަރުގެ ކުރީކޮޅުގެ ނިޔަލަށް ކަމަށެވެ.

ކޮވިޑާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ހާލަތާ ގުޅިގެން އެމްއެމްޕީއާރުސީން ވަނީ ހުރިހާ މާކެޓިން ހަރަކާތްތައް ޑިޖިޓަލް ޕްލެޓްފޯމްތަކަށް ބަދަލުކޮށް، ޑެސްޓިނޭޝަން މާކެޓިން ހަރަކާތްތައް ފުޅާކޮށްފައެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަށްފަހު އަލުން ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 15ގައެވެ. އެގޮތުން ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 19،602 މީހަކު ރާއްޖެ އައިސްފައިވެއެވެ. އެންމެ ގިނައިން ރާއްޖެއަށް އައިސްފައިވަނީ ފަތުރުވެރިންނެވެ. މިދިޔަ މަހު އެކަނިވެސް ރާއްޖެއަށް 7،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.