އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފުވެވަޑައިގެން، ޕާޓީއަށް ޣައްދާރުވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އެކަންކަން ހުއްޓުވައިދިނުމަށް ޕާޓިގެ ފިޔަވަޅުއަޅާ ކޮމިޓީގެ ނައިބު މުގައްރިރު ފުރަހަނި ޝުއައިބު އަލީ އެދިވަޑައިގެންފި އެވެ.
ޝުއެއިބު މިގޮތަށް އެދިވަޑައިގެންނެވީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް، އަމިއްލައަށް މަގާމުން އެކަހެރިވެވަޑައިގަތުމަށް ބާރު އަޅުއްވައި ދެއްވުމަށް އެދިވަޑައިގެން، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް، ރައީސް ނަޝީދު ފޮނުއްވި ސިޓީފުޅާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ތެރެއިން، މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބަރުލަމާނީ ނިޒާމު ގެންނަވައި ބޮޑުވަޒީރަކަށް ވެވަޑައިގެންނެވުމަށް ކުރައްވަމުން ގެންދާ މަސަައްކަތްތައް ހުއްޓުވައި ދެއްވުމަށް އެދި ވަޑައިގެން ހަސަން ލަތީފަށް ފޮނުއްވި ސިޓީގައެވެ.
ޝުއައިބު އެންމެ ފުރަތަމަވެސް ވިދާޅުވީ، ރައީސް ނަޝީދު ހަސަން ލަތީފަށް އެގޮތަށް ސިޓީ ފޮނުއްވުމަކީވެސް ޕާޓީގެ އުސޫލުތަކާ ހިލާފަށް ޕާޓީގެ ވަސީލަތްތައް ބޭނުން ކުރެއްވުމަށް ބާރު އެޅުއްވުން ކަމަށެވެ.
އެ ސިޓީގައި ޝުއައިބު ވިދާޅުވެފައިވަނީ، ރައީސް ނަޝީދު އެ މަަސައްކަތް ކުރައްވަނީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތެރެއިން މަޖިލިސް މެންބަރުން އަމަލު ކުރަން އޮންނަ ގޮތާވެސް ހިލާފަށް ކަމަށެވެ. އަދި އެކަންކަމަކީ ރައީސް ނަޝީދު އަމިއްލަފުޅު މަސްލަހަތަށްޓަކައި ކުރައްވަމުން ގެންދަވާ ކަންތައްތަކެއް ކަމަށާއި، އަމިއްލަ މަސްލަހަތަށްޓަކައި ރައީސް ނަޝީދު ޕާޓީ ގުރުބާން ކުރެއްވުމަކީ ޣައްދާރުވުން ކަމަށެވެ.
"ގާނޫނުއަސާސީގެ ފަސް ވަަނަ ބާބުގައި ވަޒީރަކު އަދާކުރަން ޖެހޭ ވާޖިބުތަކާއި ޖަވާބުދާރީ ކުރުވަން ޖެހޭ ގޮތް ބަޔާން ކޮށްފައި އޮތުމާއި، އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާލަމެންޓްރީ ގްރޫޕުގެ ހިންގާ ގަވާއިދާއި، ޕާޓީގެ އެކި ގުނަވަންތަކުން އަމަލު ކުރަން ޖެހޭ ގޮތްވެސް ސާފުކޮށް ލިޔެ ބަޔާންކޮށްފައި އޮވޭ. އަދި މަޖިލިސް މެންބަރުން ތަބާވާން ޖެހޭ އުސޫލުތައް މަޖިލިސް ގަވާއިދުގައި އޮވޭ، މިހެން މިކަން އޮއްވައި އަޅުގަނޑުމެންގެ ޕާޓީގެ ރައީސް ނަޝީދުގެ އަމިއްލަފުޅު މަސްލަހަތަށް އަނެއްކާވެސް ޕާޓީ ގުރުބާން ކުރުމަކީ ޣައްދާރުވުން ކަމުގައި އަޅުގަނޑު ދެކެން،" ޝުއައިބުގެ ސިޓީގައި ވިދާޅުވިއެވެ.
ޝުއައިބު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި، ދިގު މުއްދަތަކަށް ރައީސް ނަޝީދު ޖަލަށް ލުމުން، އެންމެ ފަރުދަކު ޖަލުން ގެއަށް ބަދަލުކޮށް ބޭސްފަރުވާއަށް ބޭރަށް ފުރޭނެ ގޮތް ހެދުމަށް އެފަހަރުވެސް މުޅި ޕާޓީއާއި ގާނޫނުއަސާސީ ގުރުބާން ކުރި ކަމަށެވެ.
"ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާދިޔަ ކަންކަމުގައި ދައުލަތަށް އެންމެ ބޮޑު ގެއްލުމެއް ވެގެން ދިޔައީ، ގާނޫނުއަސާސީއަށް ބަދަލުގެނެސް ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކުމަށް ގެނައި އިސްލާހާއި ނައިބު ރައީސަކަށް ހުންނަ މީހާގެ އުމުރަށް ބަދަލު ގެނެސް 24 ގަޑިއިރުގެ ތެރޭގައި ގެނައި އިސްލާހެވެ. މި އިސްލާހުތަަކަށް، އެމްޑީޕީގެ ޕާލަމެންޓްރީ މެންބަރުން ވޯޓު ދިނުމަށް މަޖުބޫރުވީ ރައީސް ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގައި ދިގު މުއްދަތަކަށް ޖަލަށް ލާފައި އޮތުމުން ރައީސް ނަޝީދު ޖަލުން ގެއަށް ބަދަލުކޮށް ބޭރަށް، ބޭސްފަރުވާއަަށް ފޮނުވުމަށް. އެންމެ ފަރުދަަކު މިނިވަން ކުރުމަށް މުޅި ޕާޓީ އާއި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ގުރުބާންކުރީމެވެ. އެދުވަސް ފާއިތުވެ ހިނގައްޖެ،" ޝުއައިބު ވިދާޅުވެފައި ވެއެވެ.
އެހެންކަމުން ރައީސް ނަޝީދު ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އަަމަލު ކުރެއްވުމާއި ޕާޓީ ތަމްސީލު ކުރެއްވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އުފުއްލެވުމުގައި އަމިއްލަ މަސްލަހަތު އިސްކުރެއްވުމާއި ޕާޓީގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން ގާނޫނު އަސާސީން ރައީސުލް ޖުމްހުރިއްޔާއަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނަހަމަ ނުފޫޒު ތަކުރާރު ކުރައްވާތީ، އެކަން ހުއްޓުވުމަށް ކުރެވެން ހުރި އެންމެހާ މަސައްކަތް ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ހަސަން ލަތީފު ކޮށްދެއްވުމަށް ގޮވާލައްވާ ކަމަށްވެސް ޝުއައިބުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ