ކޮވިޑް 19 އިން ރައްކާތެރިވުމަށާއި އެ ބައްޔާ ގުޅިގެން ކުރިމަތިވެފައިވާ އެކިއެކި ކަންކަމަށް މިދިޔަ ހަފްތާގެ ނިޔަލަށް 1.2 ބިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފިއެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަސް (3 ސެޕްޓެމްބަރު)އާ ހަމައަށް ސަރުކާރުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލާއެކު ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން، އޮގަސްޓް 27 އިން ސެޕްޓެމްބަރު 3 އަކަށް 31.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިއީ އޭގެ ކުރީ ހަފްތާއަށްވުރެ 2.7 ޕަސެންޓްގެ އިތުރުވުމެކެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، އެ ހަފްތާގެ ތެރޭގައި އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ފްރަންޓްލައިން އެލަވެންސް ދިނުމަށް ކަމަށެވެ. އެގޮތުން އެލަވެންސްގެ ގޮތުގައި އެ ހަފްތާގައި 20.1 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އޮގަސްޓް 27 އިން ސެޕްޓެމްބަރު 3 އަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންނެވެ. އެ އޮތޯރިޓީން 21.6 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. ހެލްތު މިނިސްޓްރީން 6.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން މިދިޔަ ހަފްތާގައި އަށް ލައްކަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، އައިޖީއެމްއެޗާއި ހެލްތު މިނިސްޓްރީން ކުރި ހަރަދުގެ ބޮޑު ބަޔަކީ އޮޕަރޭޝަނަލް ސާވިސް އަށް ކުރި ހަރަދުތަކެއް ކަމަށާއި އަދި އެ ހަފްތާގެ ތެރޭގައި ކޮވިޑް ފެސިލިޓީސްތަކަށް މެޑިކަލް ކޮންސިއުމަބަލްސް އަށާއި ކޭޓަރިން އަށް ދެ މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

މުއައްސަސާތަކުންނާއި މިނިސްޓްރީތަކުން ކުރި ހަރަދަށް ބަލާއިރު އޮގަސްޓް 27 އިން ސެޕްޓެމްބަރު 3 އަށް އެމްއެންޑީއެފުން ހަތަރު ލައްކަ ރުފިޔާ، އެންސްޕާ އިން ނުވަ ލައްކަ ރުފިޔާ، ޖެންޑާ މިނިސްޓްރީން އެއް މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި ފުލުހުން ދެ ލައްކަ ރުފިޔާ ހަރަދުކޮށްފައިވާ ކަން ތަފާސް ހިސާބުން ދައްކައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ހަފްތާގައި ޕްލޭނިން މިނިސްޓްރީ، ފޮރިން މިނިސްޓްރީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ، މޯލްޑިވްސް އިމިގްރޭޝަން، ޑިޒާސްޓާ މެނޭޖްމަންޓް ފަންޑު، ޑުރަގް އެޖެންސީ އަދި ޒަކާތު ފަންޑުން އިތުރު އެއްވެސް ހަރަދެއް ކޮށްފައެއް ނުވެއެވެ. އަދި ޓޫރިޒަމް މިނިސްޓްރީން ކުރި ހަރަދުގެ ތަފްސީލު ފެންނާކަށް ނެތެވެ.