ކުވެއިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) އިން ރާއްޖެއަށް ދޫކުރާ ލޯނުގެ އަހަރީ ލިމިޓު 40 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ނިންމައިފިއެވެ.

މި ނިންމުން އިއުލާންކޮށްފައިވަނީ ތ. ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލް ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި އެ ފަންޑާ ދެމެދު މިއަދު ލޯނު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމެއްގައެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ތ. ވޭމަންޑޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލް ޕްރޮޖެކްޓް ހިންގުމަށް ޖުމްލަ ތިން މިލިއަން ކުވެއިތީ ދީނާރު (ގާތްގަނޑަކަށް 9.7 މިލިއަން އެމެރިކާ ޑޮލަރު) ގެ ލޯނު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. ކުވެއިތު ފަންޑުން ރާއްޖެއަށް މިހާރު ކަނޑައަޅާފައިވާ އަހަރީ 10 މިލިއަން ޑޮލަރުގެ ލިމިޓުގެ ދަށުން ހަމަޖެހުނު މި ލޯނުގެ ދަށުން، ޒަމާނީ ވަސީލަތްތަކާއެކު 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރާނެއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. އަދި ކުވެއިތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ އެކްޓިން ޑިރެކްޓާ ޖެނެރަލް ރަޝައިދު އަލްބަދަރެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ގީލާ އަލީ އަދި އެ ފަންޑުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

4 ނޮވެމްބަރު 2026، ތ. އަތޮޅު ހޮސްޕިޓަލް ތަރައްގީކުރުމުގެ ލޯނު އެއްބަސްވުމުގައި ސަރުކާރާއި ކުވެއިތު ފަންޑުން ސޮއިކުރުން -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ތ. އަތޮޅުގެ ރައްޔިތުންނަށާއި އެ ސަރަހައްދުގެ ރަށްތަކަށާއި ފަތުރުވެރިންނަށް ލާމަރުކަޒީ އުސޫލުން ސެކަންޑަރީ ފެންވަރުގެ ސިއްހީ ހިދުމަތް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މިއާއެކު ހޮސްޕިޓަލަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، ފަރުވާއަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކާއި ހިނގާ ހަރަދުތައް ކުޑަވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، މިއީ ހަމައެކަނި އިމާރާތެއް ބިނާކުރުމަށް ވެވުނު އެއްބަސްވުމެއް ނޫން ކަމަށާއި، މިއީ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމުގެ އިތުރުން ގައުމުގެ މުސްތަގުބަލުގެ ފާގަތިކަމަށްޓަކައި ކުރެވުނު މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި ކޮންމެ ރައްޔިތަކަށް ވެސް އެ މީހަކު ދިރިއުޅޭ ރަށަކުން ފެންވަރު ރަނގަޅު، ހަމަހަމަ ސިއްހީ ހިދުމަތެއް ކަށަވަރުކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު ކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި އިހުތިރާމުގެ ބައްދަލުވުމުގައި ރަޝައިދު އަލްބަދަރް ވިދާޅުވީ، އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ އަހަރީ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން މިނިސްޓަރު ހަސަން ޒަރީރު އެދިވަޑައިގެންފައިވާ ކަންކަމަށް ރިއާޔަތްކުރައްވައި، 2027 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ކަނޑައަޅާފައިވާ އަހަރީ ލޯނު ލިމިޓު ގާތްގަނޑަކަށް 10 މިލިއަން ޑޮލަރުން 40 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އެ ފަންޑުން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، ތިލަފުށި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަށް ފައިނޭންސްކުރުމުގައި ބައިވެރިވުމަށް މިނިސްޓަރު ޒަރީރު އެދިވަޑައިގެންފައިވާތީ، އެ ކަމަށް އިޖާބަދިނުމުގެ ގޮތުން ކަމާ ގުޅޭ މަޝްވަރާތަކާއި ތައްޔާރީތައް މިހާރުން މިހާރަށް ފައްޓަވާނެ ކަމަށް ވެސް އަލްބަދަރް ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލްބަދަރް ވިދާޅުވި ގޮތުގައި، ތ. ވޭމަންޑޫ ހޮސްޕިޓަލުގެ ލޯނަކީ އެ ފަންޑުން ރާއްޖެއަށް ދޫކުރި 15 ވަނަ ލޯނު އަދި ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރި ފުރަތަމަ އިންވެސްޓްމަންޓެވެ. 1976 ވަނަ އަހަރު ވެވުނު ފުރަތަމަ އެއްބަސްވުމާއެކު ރާއްޖޭގެ މަޝްރޫއުތަކަށް ފައިނޭންސްކުރަން ފެށިތާ 50 އަހަރު ފުރިފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ވޭތުވެދިޔަ މުއްދަތުގައި 185 މިލިއަން އެމެރިކާ ޑޮލަރުގެ 14 ލޯނެއް ދޫކޮށް، ހިލޭ އެހީއާއި ފަންނީ އެހީތެރިކަމުގެ ގޮތުގައި 5.7 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އަލަށް އިމާރާތްކުރާ ހޮސްޕިޓަލަކީ މުޅި އެ ސަރަހައްދަށް ވެސް އިތުބާރުހުރި މަރުކަޒަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އަލްބަދަރް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ޒަރީރު ވެސް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއުތަކާއި، އެ އެއާޕޯޓުގެ އާ ޓާމިނަލްގެ މަޝްރޫއާއި، ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު ފަދަ މަސައްކަތްތަކަށް ކުވެއިތު ފަންޑުން ދީފައިވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.