ތ. ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލް ތަރައްގީކުރުމުގެ ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ކުވެއިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) އިން މިއަދު ސޮއިކޮށްފިއެވެ.

ތ. ވޭމަންޑޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލް ޕްރޮޖެކްޓް ހިންގުމަށް ވެވުނު މި އެއްބަސްވުމުގެ ދަށުން، 50 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް އިމާރާތްކުރުމަށް ތިން މިލިއަން ކުވެއިތީ ދީނާރު (ގާތްގަނޑަކަށް 9.7 މިލިއަން އެމެރިކާ ޑޮލަރު) ގެ ލޯނެއް ވަނީ ހަމަޖެހިފައެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ހަސަން ޒަރީރެވެ. އަދި ކޭއެފްއޭއީޑީގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ އެކްޓިން ޑިރެކްޓަރ ޖެނެރަލް ރަޝައިދު އަލްބަދަރްއެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ގީލާ އަލީ އާއި ކުވެއިތު ފަންޑުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، މި ލޯނު ހަމަޖެހިފައިވަނީ ކުވެއިތު ފަންޑުން ރާއްޖެއަށް ކޮންމެ އަހަރަކަށް ކަނޑައަޅާފައިވާ 10 މިލިއަން އެމެރިކާ ޑޮލަރުގެ ކަންޓްރީ ލިމިޓުގެ ދަށުންނެވެ.

މި މަޝްރޫއުގެ ސަބަބުން ތ. އަތޮޅުގައި ލާމަރުކަޒީ އުސޫލުން ސެކަންޑަރީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެ، ފަރުވާއަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކާއި ހަރަދުތައް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އަދި ހޮސްޕިޓަލަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، ސިއްހީ އާލާތްތައް ބެހެއްޓުމަށާއި ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ޖާގަ ތަނަވަސްވެގެންދާނެއެވެ. މި ހިދުމަތްތަކުގެ ފައިދާ އެ އަތޮޅުގެ ރައްޔިތުންގެ އިތުރުން، އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ފާހަގަކުރިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ހަމައެކަނި އިމާރާތެއް ބިނާކުރުމަށް ވެވުނު އެއްބަސްވުމެއް ނޫން ކަމަށާއި، މިއީ ދިވެހި ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމުގެ އިތުރުން، ގައުމުގެ މުސްތަގުބަލުގެ ފާގަތިކަމަށްޓަކައި ކުރެވުނު މުހިންމު އިންވެސްޓްމަންޓެއް” ކަމަށެވެ.

"ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި، ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ދިރިއުޅޭ ރަށަކުން ފެންވަރު ރަނގަޅު، ހަމަހަމަ ސިއްހީ ހިދުމަތެއް ކަށަވަރުކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއުތަކާއި، އާ ޓާމިނަލްގެ މަޝްރޫއާއި، ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު ފަދަ މަސައްކަތްތަކަށް ކުވެއިތު ފަންޑުން ދީފައިވާ އެހީތެރިކަން ފާހަގަކުރައްވައި މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުވެއިތު ފަންޑުގެ އެކްޓިން ޑިރެކްޓާ ޖެނެރަލް ރަޝައިދު އަލްބަދަރް ވިދާޅުވީ، މިއީ އެ ފަންޑުން ރާއްޖެއަށް ދޫކުރި 15 ވަނަ ލޯނު ކަމަށާއި، އަދި މިއީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އެ ފަންޑުން އިންވެސްޓްކުރި ފުރަތަމަ ފަހަރު ކަމަށެވެ.

ކުވެއިތު ފަންޑުން 1976 ވަނަ އަހަރު ވެވުނު ފުރަތަމަ އެއްބަސްވުމާއެކު ރާއްޖޭގެ މަޝްރޫއުތަކަށް ފައިނޭންސްކުރަން ފެށިތާ 50 އަހަރު ފުރިފައިވާކަން ފާހަގަކުރައްވައި އަލްބަދަރް ވިދާޅުވީ، ވޭތުވެދިޔަ މުއްދަތުގައި 185 މިލިއަން އެމެރިކާ ޑޮލަރުގެ 14 ލޯނެއް ދޫކޮށްފައިވާ ކަމަށެވެ. އަދި ހިލޭ އެހީއާއި ފަންނީ އެހީތެރިކަމުގެ ގޮތުގައި 5.7 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދީފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީގައި އިސްކަންދޭ ދާއިރާތަކަށް އެއްބާރުލުން ދިނުމުގައި އެ ފަންޑު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން އޭނާ ވިދާޅުވީ، އަލަށް އިމާރާތްކުރެވޭ މި ހޮސްޕިޓަލް ވެގެންދާނީ މުޅި އެ ސަރަހައްދަށްވެސް އިތުބާރުހުރި، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދޭނެ މުހިންމު މަރުކަޒަކަށް ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި އިހުތިރާމުގެ ބައްދަލުވުމުގައި އަލްބަދަރް ވިދާޅުވީ، އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރު ހަސަން ޒަރީރު އެދިވަޑައިގެންފައިވާ ގޮތަށް، 2027 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ކަނޑައަޅާފައިވާ އަހަރީ ކަންޓްރީ ލިމިޓު 10 މިލިއަން އެމެރިކާ ޑޮލަރުން 40 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އެ ފަންޑުން ނިންމާފައިވާ ކަމަށެވެ. އަދި ތިލަފުށި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަށް ފައިނޭންސްކުރުމުގައި ބައިވެރިވުމަށް މިނިސްޓަރު އެދިވަޑައިގެންފައިވާތީ، އެކަމާ ގުޅޭ މަޝްވަރާތަކާއި ތައްޔާރީތައް ފައްޓަވާނެ ކަމަށްވެސް އަލްބަދަރް ވިދާޅުވިއެވެ.