މިދިޔަ މަހުގެ 29 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 34.52 ބިލިއަން ރުފިޔާއަށް އަރައި، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 5.3 ޕަސަންޓުގެ ކުރިއެރުމެއް ހޯދައިފިއެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާއްމުކުރާ މާލީ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 32.79 ބިލިއަން ރުފިޔާއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސް އާމްދަނީ 9.1 ޕަސަންޓު ކުރިއަރައި 26.70 ބިލިއަން ރުފިޔާއަށް އިތުރުވުމެވެ.
ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އިންނެވެ. ޓީޖީއެސްޓީގެ ގޮތުގައި 9.32 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 8.88 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު ފަސް ޕަސަންޓުގެ ކުރިއެރުމެކެވެ.
އާމްދަނީގެ އެހެން ދާއިރާތަކަށް ބަލާއިރު، ވިޔަފާރި އާއި މުދަލުން ނެގޭ ޓެކްސް 23.7 ޕަސަންޓު އިތުރުވެ 6.07 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.90 ބިލިއަން ރުފިޔާ ލިބުނު އިރު، އާންމު މުދަލާއި ހިދުމަތުގެ ޓެކްސް (ޖީޖީއެސްޓީ) ގެ ގޮތުގައި 4.63 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ގްރީން ޓެކްސްގެ ގޮތުގައި 1.88 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ 2.3 ޕަސަންޓުގެ އިތުރުވުމެކެވެ. ރިސޯޓުތަކުގެ ކުލިން ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެން ޓެކްސް ނޫން އާމްދަނީގެ ތެރެއިން މުދަލުން ލިބުނު އާމްދަނީ ވަނީ 28.2 ޕަސަންޓު އިތުރުވެ 2.27 ބިލިއަން ރުފިޔާއަށް އަރައިފައެވެ. ނަމަވެސް ޓެކްސް ނޫން ޖުމްލަ އާމްދަނީ 8.8 ޕަސަންޓު ދަށަށް ގޮސްފައިވާ އިރު، ހިލޭ އެހީގެ ގޮތުގައި ލިބުނީ 0.53 ބިލިއަން ރުފިޔާއެވެ.
އާމްދަނީ އިތުރުވި ނަމަވެސް، މިދިޔަ މަހުގެ 29ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދު ވަނީ 16.2 ޕަސަންޓު އިތުރުވެ 38.99 ބިލިއަން ރުފިޔާއަށް އަރައިފައެވެ. ހިނގަމުންދާ ހަރަދު ނުވަތަ ރިކަރަންޓް ހަރަދު 33.68 ބިލިއަން ރުފިޔާއަށް އެރި އިރު، ކެޕިޓަލް ހަރަދު ވަނީ 5.30 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 6.15 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، އިދާރީ އަދި ހިންގުމުގެ ހަރަދުތަކަށް 20.28 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އެހީ އާއި ސަބްސިޑީއަށް 10.81 ބިލިއަން ރުފިޔާ ހޭދަކުރި އިރު، އޭގެ ތެރޭގައި ސަބްސިޑީގެ 4.31 ބިލިއަން ރުފިޔާ އަދި އާސަންދައިގެ 1.96 ބިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ކައުންސިލްތަކަށް ދޭ ގްރާންޓްގެ ގޮތުގައި 2.08 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ ހަރަދުތަކަށް ބަލާއިރު، ބިމާއި އިމާރާތްތަކަށް ކުރި ހަރަދު 35.4 ޕަސަންޓު އަދި ބަނދަރުތަކަށް ކުރި ހަރަދު 20.1 ޕަސަންޓު ވަނީ އެ މުއްދަތުގައި އިތުރުވެފައެވެ. މި މުއްދަތުގައި ދައުލަތުގެ ބަޖެޓުގެ ޖުމްލަ ޑެފިސިޓް ހުރީ 4.47 ބިލިއަން ރުފިޔާގައެވެ.
އަލީ ޔާމިން
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
ކޮމެންޓް