ޚަބަރު

ކުޅުދުއްފުށިން މަރުވި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި މަރުވި މީހަކު، ޓެސްޓު ކުރިއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "ވަން" އަށް ވިދާޅުވީ، އެ މީހާއަކީ ހއ. ކެލާ ހޯމް ކަރަންޓީނުގައި ހުއްޓައި ނޭވާލާން އުނދަގޫ ވެގެން އިއްޔެ މެންދުރު ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ މީހެއް ކަމަށެވެ. އޭނާ މަރުވީ ރޭގެ ވަގުތެއްގަ އެވެ.

އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ، ކަރަންޓީނުގައި ހުންނަ މީހެއް މަރުވުމުން ކޮވިޑަށް ޓެސްޓު ކުރަން އޮންނަ އުސޫލުގެ ތެރެއިން ޓެސްޓު ކުރުމުންނެވެ. ނަމަވެސް މިއީ ކޮވިޑް މަރެއް ކަމަށް އަދި ނިންމާފައި ނުވާ ކަމަށް ތަސްލީމާ ވިދާޅުވި އެވެ.

ތަސްލީމާ ވިދާޅުވީ، ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ އެ މީހާ މަރުވެފައިވަނީ ކަރަންޓީީންގައި ހުންނަތާ ފަސް ދުވަސް ފަހުން ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ކުޅުދުއްފުށީގައި މިވަގުތު ކޮވިޑް ޖެހިފައިވާ މީހަކު ނެތެވެ. އަދި އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބެލުމަށް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވަނީ ރެންޑަމް ސާމްޕަލްތަކެއް ވެސް ނަގައިފަ އެވެ. އެދުވަހު ނެގި 72 ސާމްޕަލްގެ ނަތީޖާ ވަނީ ނެގެޓިވްވެފަ އެވެ.