ގދ. ހޯނޑެއްދޫން އިތުރު ފަސް މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެ މީހުންނާއެކު އެ ރަށުން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 35 އަށް އަރައިފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ މިއަދު ޕޮޒިޓިވްވި މީހުންނަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވިގެން ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުން ކަމަށެވެ. ޕޮޒިޓިވްވެފައިވަނީ ފަސް އަންހެނުންނާއި ފަސް ފިރިހެނުންނެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ ތިން މީހަކު ހިމެނެއެވެ.

މީގެ އިތުރުން އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އުމުރުން 80 އަހަރުގެ ފިރިހެނަކާއި 64 އަހަރުގެ އަންހެނަކު ގއ. ވިލިނގިލީ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއަށް ބަދަލުކޮށް އެޑްމިޓްކޮށްފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

ހޯނޑެއްދުއަށް ކޮވިޑް ބަލި ދިޔައީ ކިހިނެއްކަން ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ އިރު، ހޯނޑެއްދޫއާ ކޯސްވޭއަކުން ގުޅިފައި އޮންނަ މަޑަވެލި ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

މާލެ ފިޔަވައި ކޮވިޑަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ހޯނޑެއްދޫންނެވެ. އެރަށުން އެންމެ ފުރަތަމަ ކޮވިޑަށް މީހަކު ޕޮޒިޓިވްވީ މިމަހުގެ ދެވަނަ ދުވަހުއެވެ. އެޗްޕީއޭއިން ބުނީ އެރަށުގައި މިވަގުތު އޮތީ ލޯކަލް ޓްރާންސްމިޝަނެއް ކަމަށެވެ.