މަޖިލިސް މެންބަރު އަލީ އާޒިމް

އާޒިމްގެ ސުވާލު މަހްލޫފަށް: ގާނޫނާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު ނާޅާނަމަ މިއީ ގާނޫނީ ދައުލަތެއްތޯ؟

އިބްރާހިމް ޒަކީ

1

ގާނޫނާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު ނާޅާނަމަ މި ހިންގަނީ ގާނޫނީ ދައުލަތެއްތޯ، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފާ ސުވާލު ކުރައްވައިފިއެވެ.

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި މަހުލުފާ މިސުވާލު ކުރެއްވީ، ސަރުކާރާއި ރައްޔިތުންގެ މަޖިލީސް އަދި ކޯޓުތައް ކުޅިވަރުގެ ތެރެއަށް ވަންނަ ނަމަ ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑް ކުރުމުގެ ފުރުސަތު ބޮޑުކަމަށް ވިދާޅުވެ މިނިސްޓަރު މަހްލޫފު ވާހަކަ ދެއްކެވުމާ ގުޅިގެންނެވެ.

މަހުލޫފު އެފަދައިން ވާހަކަ ދައްކަވާފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަން (ޓީޓީ އެސޯސިއޭޝަން)ގެ އިންތިހާބާ ގުޅިގެން އުފެދިފައިވާ މައްސަލަތަކާއި، އެންމެ ފަހުން ބޭއްވި އެފްއޭއެމްގެ އިންތިހާބަށްފަހު ދިމާވި މައްސަލަތަކާ ގުޅިގެންނެވެ.

ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި ސްޕޯޓްސް ކޮމިޝަނަރު މެދުވެރިވެގެން އެ އެސޯސިއޭޝަންގެ އިންތިހާބު ބޭއްވި ނަމަވެސް އިންތިހާބު އިންސާފުވެރިކަމާ އެކު ބޭއްވޭނެކަމަށް ގަބޫލު ނުކުރާކަމަށް ވިދާޅުވެ، އިންތިހާބު ފަސްކުރަން އެދި އެސޯސިއޭޝަނުގެ މިހާރުގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) ކޯޓަށް ހުށަހެޅުއްވިއެވެ.

އެ މައްސަލައިގައި އަލިބެގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން ލަތީފެވެ.

އެކަމާގުޅިގެން މިނިސްޓަރު މަހުލޫފު ވިދާޅުވީ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ރާއްޖެ ސަސްޕެންޑްކޮށްފާނެކަމުގެ އިންޒާރުގެ ލިބިފައިވާ ކަމަށެވެ.

ނަމަވެސް އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) އެދިވަޑައިގެންފައިވާ ގޮތަށް މިއަދު ބާއްވަން ތާވަލު ކޮށްފައިވާ ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ އިންތިހާބު ފަސްކޮށްދިނުމުގެ އަމުރެއް ސިވިލް ކޯޓުން ދީފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން މިނިސްޓަރު މަހްލޫފު ދައްކަވާފައިވާ ވާހަކަތަކަށް ރައްދު ދެއްވައި އަލީ އާޒިމް ކުރެއްވި ޓުވީޓްގައި އިންޓަނޭޝަނަލް ޖަމިއްޔާތަކުން ރާއްޖެ ސަސްޕެންޑް ކޮށްފާނެއޭ ކިޔައި ގާނޫނާއި ގަވާއިދާ އެއްގޮތަށް ނޫޅޭ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު ނާޅާ އުސޫލަށް ބަލާނަމަ ފޭރުމާއި ވައްކަން އޯކޭ ތޯވެސް ސުވާލު ކުރައްވާފައި ވެއެވެ.

"އިންޓަނޭޝަނަލް ޖަމިއްޔާތަކުން ރާއްޖެ ސަސްޕެންޑް ކޮށްފާނެއޭ ކިޔައި، ގާނޫނާއި ގަވާއިދާ އެއްގޮތަށް ނޫޅޭ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު ނާޅާނަމަ، މި ހިންގަނީ ގާނޫނީ ދައުލަތެއްބާ، މި އުސޫލުން ބަލާނަމަ ފޭރުމާއި ވައްކަންވެސް އޯކޭ ދެއްތޯ،" އަލީ އާޒިމް ކުރެއްވި ޓުވީޓުގައި ސުވާލު ކުރައްވާފައި ވެއެވެ.

މި މައްސަލައިގަ އަލީ އާޒިމާއި މަހްލޫފާ ދެމެދު މައްސަލަ އުފެދިފައިވާއިރު އެފްއޭއެމްގެ އިންތިހާބު ބާއްވާފައިވަނީވެސް ގާނޫނާއި ގަވާއިދާ ހިލާފަށްކަމަށް އެކި ފަހަރުމަތުން އަލީ އާޒިމް ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައިގައި، އެކި ފަހަރު މަތިން މިނިސްޓަރު މަހުލޫފު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިތުރުން އެ މަޖިލީހުގެ ކޮމިޓީއަށްވެސް ހާޒިރުކޮށް ސުވާލު ކުރައްވައިފައެވެ.