ދައުލަތާއި ދައުވާ ލިބޭ ފަރާތްތަކުގެ ވަކީލުންނަށް ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކުގެ މަޖިލީހަށް ފޯނާއި ލެޕްޓޮޕް ވެއްދުމުގެ ފުރުސަތު ދިނުމަށް އެ ކޯޓުން ނިންމައިފި އެވެ.
ކްރިމިބަލް ކޯޓުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވުމާއެކު، މިބަލި ފެތުރުން މަދުކުރުމުގެ ގޮތުން އަތުން އަތަށް ބަދަލުކުރެވޭ ލިޔެކިޔުންތައް ވީހާވެސް މަދުކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އެ ކޯޓަށް އިލެކްޓްރޯނިކް ޒަރިއްޔާއިން މައްސަލަ ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖައްސައި، ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ލިޔުންތައް އީމެއިލްގެ ޒަރިއްޔާއިން ދައުވާ ލިބޭ ފަރާތްތަކަށް ފޮނުވަމުން އަންނަ ކަމަށެވެ.
ބަޔާނުގައި އިތުރަށް ބުނީ، ކޯޓަށް ހާޒިރުވާ ވަކީލުންނަށް ވެސް މައްސަލަތަކުގެ ލިޔެކިޔުންތަކުގެ ކަރުދާސް ކޯޓަށް ގެނައުމުގެ ބަދަލުގައި، އެ ލިޔެކިޔުމުގެ ޑިޖިޓަލް ކޮޕީ ބޭނުންކުރުމުގެ ފުރުސަތު ދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން މައްސަލައިގެ އަޑުއެހުންތައް ތާވަލުކުރުމަށް ވަކީލުންނާ މަޝްވަރާ ކުރަން ބަލާއިރު އާންމު ގޮތެއްގައި ވަކީލުންގެ ތާވަލު އިންތިޒާމުކުރަމުން ގެންދަނީ އޮންލައިން އެޕްލިކޭޝަންތަކުގެ އެހީގައިކަމަށް ވުމާއެކު ޝަރީއަތުގެ މަޖިލީހަށް ލެޕްޓޮޕާއި ޓެބްލެޓާއި ފޯނުފަދަ ވަސީލަތްތައް ނުވެއްދޭތީ، އެ ފުރުސަތު ދިނުމަށް ޝަރީއަތުގެ އަޑުއެހުން މެދުކަނޑާލަން ޖެހި، އަދި ކޯޓާއި ވަކީލުންގެ ވަރަށް ގިނަ ވަގުތު ގެއްލިގެންދާ ކަމަށް ބަޔާނުގައި ވެއެވެ.
އެހެންކަމުން އިއްޔެ އިން ފެށިގެން ދައުލަތާއި ދައުވާލިބޭ ފަރާތުގެ ވަކީލުންނަށް ލެޕްޓޮޕާއި ޓެބްލެޓާއި ސްމާޓް ފޯނު ޝަރީއަތުގެ މަޖިލީހަށް ވެއްދުމުގެ ފުރުސަތު ދިނުމަށް ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ.
އެ ކޯޓުން ބުނީ، އެ ފުރުސަތު ދިން ނަމަވެސް އެ ވަސީލަތްތައް މެދުވެރިކޮށް ޝަރީއަތުގެ މަޖިލީހުގެ ކަންކަން ރެކޯޑްކޮށް ފޮޓޯނަގާ ހެދުމަކީ މަނާކަމެއް ކަމަށާއި އަދި އެފަދަ ކަމެއް ކޮށްފިނަމަ، އެ ވަކީލަކާމެދު ފިޔަވަޅު އެޅުމުގެ އިހްތިޔާރު މައްސަލަބަލާ ގާޒީއަށް ލިބިގެންވާ ކަމަށެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް