ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަން މިހާރު ކަނޑައަޅާފައި އޮންނަ އަދަދަށް ބަދަލު ގެނެސް، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ޑްރާފްޓް އެކުލަވައި ނިންމާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އީސީގެ ނައިބު ރައީސް އަހުމަދު އަކުރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް އެ ކޮމިޝަނުން އެކުލަވާލާފައިވާ ބިލުން އެ ގާނޫނުގެ 75 ޕަސެންޓަށް ބަދަލު އަންނާނެ ކަމަށެވެ.

އެ އިސްލާހުން ގާނޫނަށް އަންނާނެ އެއް ބަދަލުގެ ގޮތުގައި އަކުރަމް ފާހަގަ ކުރެއްވީ، ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ކަނޑައަޅާފައި މިހާރު އޮތްގޮތް ބަދަލުކުރަން ހުށަހަޅާފައިވާ އިސްލާހެވެ.

ޕާޓީތަކުގެ ގާނޫނުގައި މިހާރު އޮންނަނީ ޕާޓީތަކަށް ދޫކުރެވޭ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ކަމަށެވެ. ނަމަވެސް އެކަން ބަދަލުކޮށް، ސިޔާސީ ޕާޓީތަކަށް ދޫކުރާނީ، ދައުލަތުގެ ބަޖެޓުގެ އާމްދަނީގެ ޒިރޯޕޮއިންޓް ވަން ޕަސެންޓް ކަމަށް ކަނޑައަޅަން ޑްރާފްޓުގައި ހިމަނާފައިވާ ކަމަށް އަކުރަމް ވިދާޅުވިއެވެ.

އަކުރަމް ވިދާޅުވީ، ގާނޫނުގައި މިހާރު އޮންނަހާ ފަސޭހައިން ސިޔާސީ ޕާޓީތައް އުވައިލެވޭނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންކަމުން އިސްލާހުގައި އެކަމަށްވެސް ހުށަހެޅުމެއް ހިމަނާފައިވާ ކަމަށް އަކުރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޖޫރިމަނާ ކުރުމަށްފަހު ޕާޓީ އުވާލެވޭގޮތަށް ގާނޫނުގައި މިހާރު އޮތް ނަމަވެސް، އިންޒާރު ދިނުމާއި ޖޫރިމަނާ ކުރުމަށްފަހު ސަސްޕެންޑް ކުރުމަށް ބިލުގައި ހިމަނާފައިވާ ކަމަށެވެ. ޕާޓީ އުވާލުމަށް އިސްލާހުގައި ހިމަނާފައި ވަނީ އެއަށްފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.

އަކުރަމް ވިދާޅުވީ ޕާޓީތަކުގެ ލީޑާޝިޕް ނުވަތަ ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރުމުގެ އިތުރުން، ޕާޓީތަކުގެ އަހަރީ ރިޕޯޓް ހުށަހަޅަން މިހާރު އޮންނަ ތާރީހު ބަދަލު ކުރަންވެސް ހުށަހަޅާފައިވާ ކަމަށެވެ.

އަކްރަމް ވިދާޅުވީ މި ޑްރާފްޓް މި މަހުގެ ނިޔަލަށް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުއްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އޭގެ ކުރީން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.