އުމަރު ނަސީރު

އިންޑިއާއިން ރާއްޖޭގައި ދެ ހެލިކޮޕްޓަރު ބޭއްވުމުގެ ބޭނުމަކީ ރަޝީއާއާއި ޗައިނާއަށް ފާރަވެރިވުން: އުމަރު

އަލީ ޔާމިން

1

އިންޑިއާގެ ދެ ހެލިކޮޕްޓަރު ރާއްޖޭގައި އޮޕަރޭޓް ކުރުމުގެ ހަގީގީ ބޭނުމަކީ ރަޝިއާ އާއި ޗައިނާގެ ހަރަކާތްތަކަށް ފާރަވެރިވުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

"ދިވެހި ޗެނަލް"ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ބޭރުގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމަކީ ރާއްޖޭގެ މިނިވަންކަމަށް ހުރި ނުރައްކަލެއް ކަމަށާއި އެހެންކަމުން އިންޑިއާ ސިފައިން މިގައުމުން ބާލަން ޖެހޭ ކަމަށެވެ.

އުމަރު ވިދާޅުވީ، ދެ ހެލިކޮޕްޓަރާއެކު އިންޑިއާގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަނީ ދިވެހިންނަށް ފާރަވެރިވުމަށް ނޫން ކަމަށާއި ދެ ހެލިކޮޕްޓަރު ރާއްޖޭގައި ބޭއްވުމުގެ ބޭނުމަކީ ޗައިނާއާއި ރަޝީއާއަށް ފާރަވެރިވުން ކަމަށެވެ.

އިންޑިއާގެ ދެ ހެލިކޮޕްޓަރު ރާއްޖޭގައި އޮޕަރޭޓް ކުރާއިރު، އެއް ހެލިކޮޕްޓަރު އޮންނަނީ އައްޑޫގައެވެ. އަނެއް ހެލިކޮޕްޓަރު އޮންނަނީ ލާމު އަތޮޅު ގަމުގައެވެ. އެ ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް އިންޑިއާގެ ބައެއް ސިފައިން ދަނީ ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ.

"މި ހެލިކޮޕްޓަރުތައް އައިސް މިތިބީ އަޅުގަނޑުމެންނަށް (ދިވެހީންނަށް) ފާރަލާކަށެއް ނޫން އެއްގޮތަކަށްވެސް. މިއީ ޗައިނާއާއި ރަޝިއާއާ މި ގައުމުތަކުން މި ސަރަހައްދުގައި އުޅެނީ ކިހިނެއްތޯ ބަލަން އުދުހޭ އެއްޗެހި. މިހާރު އެތިބީ ރާއްޖޭގެ ދެ ސަރަހައްދެއްގައި. އެއީ އައްޑު އަތޮޅުގައާ ލާމު އަތޮޅުގައި. އެއީ ރާއްޖޭގެ އެންމެ ބޮޑު ދެ ޗެނަލް މަނަވަރުތަކާއި ސަބްމެރިންތައް ހުރަސްކުރާ. ވަރަށް ގިނަ ސަބްމެރިން ތަކަކީ ހުވަދޫ ޗެނަލްގެ ތެރެއިން ދަތުރުކުރާ އެއްޗެހި. އަދި ވަރަށް ގިނަ މަނަވަރުތައްވެސް އެޗެނަލްގެ ތެރެއިން ދަތުރުކުރާނެ. އެހެންކަމުން އިންޑިއާގެ ދެ ހެލިކޮޕްޓަރުގެ ބޭނުމަކީ ރަޝިއާއާ އިންޑިއާއަށް ފާރަވެރިވުން ކިހިނެއްތޯ މޫމްމެންޓްތައް ހުންނަނީ ބަލަން." އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ، ވަރަށް އަވަހަށް ހދ. ހަނިމާދޫގައިވެސް އިންޑިއާ ސިފައިން ތިބޭނެ ކަމަށެވެ. އަދި އޭނާއަށް އެނގިވަޑައިގެންފައިވާ ގޮތުގައި ޑޯނިއާއަކާއެކު އެގައުމުގެ ވިއްސަކަށް ސިފައިން ހަނިމާދޫގައިވެސް ގާއިމްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ވަރަށް އަވަހަށް ރާއްޖޭގެ އުތުރާއި ދެކުނުގައި އިންޑިއާ ހަރަކާތްތެރިވާން ފަށާނެ ކަމަށާއި އޭރުން ރާއްޖެއިން އިންޑިއާ ސިފައިން ބޭލުންވެގެންދާނީ އުނދަގޫ މަސައްކަތަކަށް ކަމަށެވެ.