މިހާތަނަށް މާބަނޑު 41 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަފްޒަލް ވިދާޅުވީ މިހާތަނަށް މާބަނޑު 41 މީހަކަށް ކޮވިޑް ބަލި ޖެހިފައިވާ ކަމަށެވެ. އަދި ވިހެއުމުގައި އެއްވެސް މައްސަލައެއް ދިމާވެފައިވާ ކަމަށް ރިޕޯޓްކޮށްފައިނުވާ ކަމަށެވެ.

"އެކު ޖުމްލައަށް ބަލައިލާއިރު 41 މާބަނޑު މީހުންނަށް މި ބަލި ޖެހިފައިވޭ. މާބަނޑު މީހަކު މި ބަލީގައި ޑެލިވަރީ ކުރުމުގައި އެއްވެސް އިޝޫއެއް އައިސްފައިވާ ކަމަކަށް އަޅުގަނޑަކަށް ލިބިފައެއްނުވޭ،" އަފްޒަލް ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވީ ކޮވިޑް ބަލި ޖެހިފައިވާ މާބަނޑު މީހަކު ވިހެއި އެއްވެސް ކުއްޖަކަށް އެބަލި ޖެހިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

އަފްޒަލް ވިދާޅުވީ ކޮވިޑް ޖެހިފައިވާ މާބަނޑު މީހުންގެ ނިސްބަތް މަދު ކަމަށާއި އެގޮތުން އެންމެ ގިނައިންވެސް ހަފުތާއެއްގެ ތެރޭގައި ކޮވިޑް ޖެހިފައިވަނީ ހަތް މީހަކަށް ކަމަށެވެ.

މާބަނޑު ކޮންމެ މީހަކީ ދެ ފުރާނައެއް ކަމަށާއި އެހެންކަމުން މި ބަލި މާބަނޑު އެއްވެސް މީހަކަށް ޖެހޭކަށް ބޭނުންނުވާ ކަމަށެވެ. އަދި މި ދުވަސްވަރު މާބަނޑު މީހުންގެ ހާއްސަކަމެއްދީގެން ރައްކާތެރިކަމަށް ބަލަންޖެހޭ ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.