ރިޕޯޓް

ކަނޑޫދޫ މީހުން ކަކުޅަހުގައި ވާޖެހުން، ހަގީގަތެއްތަ؟

އަލީ ޔާމިން

ރާއްޖެއަކީ ފުން ތާރީހެއް އޮތް ގައުމެކެވެ. އެ ފުން ތާރީހުގެ ތެރެއަށް ފީނާލާއިރު، ޝައުގުވެރި އެތައް ވާހަކަތަކެއް ފެންނާން އެބަހުއްޓެވެ. އޭގެ ތެރޭގައި ފްލޯކް ނުވަތަ "ތޯތޯ" ވާހަކަތައްވެސް ގިނައެވެ.

"ތޯތޯ" ބައެއް ވާހަކަތަކަކީ މީގެ އެތައް ޒަމާނެއް ކުރިން ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ތުންތުން މަތިން ފެތުރެމުންދާ ވާހަކަތަކެވެ. "ތޯތޯ" ބައެއް ވާހަކަތައް އެކަން ހިނގި ގޮތާ އެއްގޮތަށް ކިޔަމުން އަންނައިރު އަނެއް ވާހަކަތައް ދައްކަމުން އަންނަނީ އެކަން ހިނގައިދިޔަ ގޮތާއި ދިމާ އިދިކޮޅަށް އެ ވާހަކަތަކަށް އެތައް ބަދަލުތަކެއް ގެނެސްގެންނެވެ.

ޖަޒީރާ ރަށްތަކެއްގެ މައްޗަށް ރާއްޖެ އެކުލެވޭއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކީވެސް އެރަށަކާ ބެހޭ ގޮތުން ތާރީހީ ކޮންމެވެސް ވާހަކައެއް ފެތުރިފައިވާ ރަށެކެވެ. އެގޮތުން ބައެއް ރަށްރަށް އެ ހާދިސާއެއްގެ ސަބަބުންވެސް މަޝްހޫރުވެފައި އެބަހުއްޓެވެ.

ކޮޅުމަޑުލު (ތ އަތޮޅު) އަކީވެސް ފްލޯކް ނުވަތަ އެވާހަކައެއްގެ އަސްލާ މެދު ޝައްކު އުފެދޭ އެތަކެއް ހާދިސާއެއް ހިނގާފައިވާ ތާރީހީ އަތޮޅެކެވެ. ކޮޅުމަޑުލުގެ ރަށްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމެއް ހިނގާފައިވާ ރަށަކީ މީގެ ކުރިން "ތެދުއި" ވަޑާމަށް ރާއްޖޭގައި އެންމެ ކުޅަދާނަ ވަޑިން އުޅުނު ކަމަށް ތާރީހީ ފަތްފުތްތަކުން އެނގެން އޮތް އެއް ރަށް ކަމަށްވާ ކަނޑޫދޫ އެވެ. މިހާރު ގިނަ ބަޔަކަށް ކަނޑޫދޫ އެނގިފައި އޮންނަނީ ކުޅި މިރުހުގެ ރަސްގެފާނުގެ ގޮތުގައެވެ.

ކަނޑޫދޫއާ ގުޅުވައިގެން ދެކެވޭ ތޯތޯ ވާހަކައަކީ، ކަނޑޫދޫ މީހުން އެރަށާ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކަކުޅަހުގައި ވާޖެހި ވާހަކައެވެ. މިއަދުވެސް އެ މައުލޫއަކީ ރަށުގެ އިސް ރަށްވެރިންގެ މެދުގައި މަގުބޫލު މައުލޫއެކެވެ. އެ ވާހަތައް ރަށުގެ ކުދިބޮޑު އެންމެން މިއަދުވެސް ދައްކައެވެ.

ކަކުޅަހަކީ، ކޮޅުމަޑުލު ކަނޑޫދޫ އާއި ވަންދޫއާ ދެމެދުގައި އޮންނަ އާދައިގެ ވަރަކަށް ބޮޑު އަދި ރުއްގަސް ގިނަ ފަޅު ރަށެކެވެ. ކަނޑޫދޫއަށް ވުރެ ކަކުޅަސް ގާތީ ވަންދޫއާއެވެ. މީގެ ކުރިން ކަކުޅަހަކީ މީހުން ދިރިއުޅުނު ރަށެއް ކަމަށް ބުނެ އުޅެއެވެ. އަދި އެކަމަށް ބާރު ލިބޭ ބައެއް ނިޝާންތައް އެރަށުގައި މިހާރުވެސް އެބަހުއްޓެވެ.

ކަނޑޫދޫ މީހުން ކަކުޅަހުގައި ވާޖެހި ވާހަކަ މިއަދާ ހަމަޔަށް އެކި ގޮތް ގޮތަށް ފެތުރެމުން އައިސްފައިވާއިރު ކަނޑޫދޫގެ ގިނަ ބަޔަކު ދެކޭ ގޮތުގައި ކަނޑޫދޫ މީހުން ކަކުޅަހުގައި ވަލެއް ނުޖަހައެވެ. ކަނޑޫދޫ މީހުން ކަކުޅަހުގައި ވާ ޖެހި ވާހަކައަކީ، ކަނޑޫދޫއާ ޒަމާނުއްސުރެ ވާދަވެރި ރައްޔިތެއް ދިރިއުޅޭ ވަންދޫ މީހުން ކަނޑޫދޫ މީހުންގެ ބޮލުގައި އެޅުވި ތުހުމަތެއް ކަމަށް ކަނޑޫދޫގެ ގިނަ ބަޔަކު ދެކެއެވެ.

ކަނޑޫދޫ މީހުން ކަކުޅަހުގައި ވާޖެހި ހާދިސާ ތުންތުން މަތިން އައިސްފައިވާ ގޮތް "ވަން" އަށް ކިޔައިދެމުން ކަނޑޫދޫގެ ދުވަސްވީ މީހަކު ބުނީ ކަނޑޫދޫ މީހުން ކަކުޅަހު ވާޖެހިއޭ ބުނަނީ ދެވަނަ ބޮޑު ހަނގުރާމައާއި އެކު ރާއްޖެ ބަނޑަށް ޖެހުނު (ތަދު) ދުވަސްވަރު ކަނޑޫދޫން ފަރުމަސްވެރިކަމަށް ނުކުމެ އުޅުނު ބަޔަކު، ކަކުޅަހަށް ގޮސް އެރަށުން ކުރުނބައާއި ކާއްޓާއި ގަބުޅި އެޅުމަށް ބޭނުން ކުރި ހުނަރެއްގެ ސަބަބުން ކަމަށެވެ. އެގޮތުން އެމީހުން ވަލެއް ބޭނުންކޮށްގެން ރުކުން ސީދާ ބޮއްކުރާއަށް އިހާތައް ބޭލީކަމަށް އޭނާ ބުންޏެވެ.

"މި ހާދިސާ ހިނގާފައިވަނީ މުހައްމަދު އަމީންގެ ވެރިކަމުގައި ދެވަނަ ބޮޑުހަނޑުރާމައާ ގުޅިގެން އަދި އެންމެ ތަދު ދުވަސްވަރު. އެއިރު ނުހުރޭ ކާނެ އެއްޗެއް. ވަރަށް ހާލުގައި އުޅުނު ދުވަސްވަރެއް އެއީ. ވީ ގޮތަކީ، އެ ދުވަސްވަރު މިރަށުން ފަރުމަސް ބޭނުމަށް ދަންވަރުގެ ވަގުތެއްގައި ނުކުތީ ބޮއްކުރައެއްގައި ބަޔަކު. ދެން މަސް ބޭނުމުގައި އުޅުމަށްފަހު ފަތިސް ގަޑީގައި ކަކުޅަހަށް ކައިރިކުރުމަށްފަހު އެރަށު ރުކަކުން އެއްޗެހި އެޅުމަށް މި ހެދި ގޮތަކީ ދިގު ވަލެއް ބޭނުންކޮށްގެން ވަލުގެ އެއްކޮޅު ބައްތެލީގެ ކުނބުގައި ބެއްދުމަށްފަހު އަނެއް ބައި ރުކުގައި ބެއްދީ. ދެން ވާ ބޭނުންކޮށްގެން އިހާތައް ބައްތެއްޔަށް ބޭލީ. މިހެންގޮސް ވަތް ފުރާލި ފަހުން މިފެންނަނީ ދުރުން ދެމީހަކު އަންނަތަން. ބޭބެމެންނަށް ތުންތުންމަތިން މިހެން އިވިފައި އޮތް ގޮތުގައި އެއީ ވަންދޫ ދެމީހުން. ދެން އެމީހުން ބައްތެއްޔާއި ކައިރިވެ މަންޒަރު ސާފުވާވަރު ވީމާ، ބައްތެލީގައި ތިބި މިރަށު މީހުން މިކިޔަނީ ބާރައް ދަމާށޭ، އެބަ ކައިރިވެޔޭ، އެބަ ކައިރިވެޔޭ. އެއީ އަސްލު ވަންދޫ މީހުންނަށް އަޑު އިއްވުމަށްޓަކައި. ދެން އިރު އެރީމާ ވަންދޫ މީހުން ގޮސް މިބުނަނީ ކަނޑޫދޫ މީހުން ކަކުޅަހުގައި ވާޖެހީއޭ. އެގޮތަށް ފެތުރިގެން އުޅޭ ވާހަކައެއް މީ." ކަނޑޫދޫ މީހުން ކަކުޅަހުގައި ވާޖެހި ވާހަކަ ތުންތުން މަތިން އައިސްފައިވާ ގޮތް "ވަން"އަށް ކިޔައިދެމުން ކަނޑޫދޫގެ އުމުރުން ދުވަސްވީ މީހަކު ބުންޏެވެ.

ކަނޑޫދޫގެ އުމުރުން ދުވަސްވީ އެހެން މީހަކުވެސް ކިޔައިދިން ގޮތުގައި، ކަނޑޫދޫ މީހުން ކަކުޅަހުގައި ވާ ޖެހިއޭ ކިޔައި އުޅެނީ، ވަންދޫ މީހުން ކަނޑޫދޫ މީހުންނާ މެދު ޒަމާނުއްސުރެ އޮންނަ ވާދަވެރިކަމެއްގެ ސަބަބުންނެވެ. އޭނާގެ ނަޒަރުގައި އެ ދުވަހު ކަކުޅަހުގައި ތިބި ކަނޑޫދޫގެ މީހުން ވަނީ ވަންދޫ މީހުން "މޮޔަ މަޅީ"ގައި ރަނގަޅަށްވެސް ޖައްސައިފައެވެ.

"ހަގީގަތުގައި، ވަންދޫ މީހުން މޮޔައީ މިކަމުގައި. ދެން ވަލެއް ރުކެއްގައި އައްސައިގެން ބޮއްކުރައެއްގައި ކިހިނެއް ބޮޑު ރަށެއް ގާތް ކުރާނީ. ވިސްނާލީމަވެސް އެބައެނގޭ އެއީ ކޮންމެހެން ކަކުޅަސް ގާތް ކުރުމުގެ ނިޔަތުގައި ކުރި ކަމެއް ނޫންކަން. އެހެންވެގެން ބޭބެއަށް ހަމަ ބޮޑަށް ބުރަވެވެނީ، ކަކުޅަހަށް ގޮސް އެރަށުން ކުރުނބައާއި ކާއްޓާއި ގަބުޅި އެޅުމަށް ބޭނުން ކުރި މޮޅު ހުނަރުގެ ސަބަބުން ދެކެވޭ ވާހަކައެއް ކަމަށް" ކަނޑޫދޫގެ އުމުރުން ދުވަސްވީ މީހަކު "ވަން"އަށް މައުލޫމާތު ދެމުން ބުންޏެވެ.

ނަމަވެސް މިކަމުގައި ވަންދޫ މީހުންގެ ބަސް ތަފާތެވެ. ވަންދޫގެ އުމުރުން ދުވަސްވީ މީހަކު "ވަން" އަށް މައުލޫމާތު ދެމުން ބުނީ، ކަނޑޫދޫ މީހުން ކަކުޅަހުގައި ވާ ޖެހީ ރުކުން އެއްޗެހި ބޭލުމަށް ނޫން ކަމަށާއި އެކަން ކުރީ އެރަށް ވަންދޫއާ ކައިރީގައި އޮންނާތީ އެކަމާ ހިތްހަމަ ނުޖެހި ކަނޑޫދޫއާ ގާތަށް ކަކުޅަސް ގެންދިއުމަށް ކަމަށެވެ.

"ކަނޑޫދޫ މީހުން ބޭނުންވަނީ ކަކުޅަސް އެރަށް ކައިރިއަށް ގެންދަން. އެހެންނަމަވެސް ގުދުރަތީ ގޮތުން ކަކުޅަސް އެއޮތީ މިރަށާ ކައިރީގައި. ދެން ވާހަޖައިގެން އެރަށް ކައިރި ކުރަން އުޅުނޭ ބުނާ ވާހަކައަކީ، ތުންތުންމަތިން އައިސްފައިވާ ގޮތުން ތެދު ވާހަކައެއް. ނަމަވެސް މި ވާހަކަ އެބަހުރި އެކި ގޮތްގޮތަށް އައިސްފައި، ބޭބެއަށް ބޮޑަށް ބުރަވެވޭނީ މިރަށުގެ މީހުން ބުނާ ބުނުމަށް." ވަންދޫގެ އުމުރުން ދުވަސްވީ މީހަކު "ވަން" އަށް މައުލޫމާތު ދެމުން ބުންޏެވެ.

ކަނޑޫދޫއާ ވަންދޫއަކީ ޒަމާނުއްސުރެ ވަރަށް ވާދެވެރި ދެރަށެވެ. ކަނޑޫދޫގެ އިސް ރަށްވެހިން ބުނާ ގޮތުގައި ކުރީ ޒަމާނުގައި ކަނޑޫދޫ މީހުން މަހަށް ނުކުތީމާ ޖެއްސުން ކުރުމަށް ވަންދޫ މީހުން "ހޯއް" ގޮއްވާ ސަމާސާކޮށް އުޅެއެވެ. އަދި ކަނޑޫދޫ މީހުންނަށް އުނދަގޫ ކުރުމަށް އެނޫންވެސް ބައެއް ކަންކަން ވަންދޫ މީހުން ކޮށްފައިވާ ކަމަށް ކަނޑޫދޫގެ އުމުރުން ދުވަސްވީ މީހުން ބުނެއެވެ. ހަމަ މިގޮތަށް ކަނޑޫދޫ މީހުންގެ ފުށުން ވެސް ބައެއް ކަންކަން ދިމާވާވެފައި އެބަ ހުރި ކަމަށް ވަންދޫ މީހުންވެސް ބުނެއެވެ.

ވަންދޫގެ ގިނަ މީހުންގެ ނަޒަރުގައި ކަނޑޫދޫ މީހުން ހަމަ ހަގީގަތުގައިވެސް ކަކުޅަހުގައި ވާޖެހިއެވެ. އެމީހުން އަދިވެސް ގަބޫލުކޮށްގެން ތިބީ އެގޮތަށެވެ. އެރަށުގެ ބައެއް މީހުން މިހާރުވެސް އެވާހަކަ ދޭތެރެއަކުން ދައްކައި އުޅެއެވެ. ކަނޑޫދޫ މީހެއް ފެނިއްޖެނަމަ "ކަކުޅަހު ވާޖެހި ރަށު" މީހެކޭ ބުނެ، ސަމާސާކޮށް އުޅެއެވެ.

ކަނޑޫދޫ މީހުން ކަކުޅަހުގައި ވާޖަހައިގެން އެރަށް ގާތްކުރަން އުޅުނު ވާހަކަ ފެތުރިފައިވާއިރު، އެކަން ހަމަލޮލުން ދުށް މީހެއް ވަންދޫގެ އިތުރުން ކަނޑޫދޫގައިވެސް ނެތެވެ. އެހެންކަމުން މިއީ ހަގީގަތަށްވުރެ ބޮޑަށް "ތޯތޯ" ވާހަކައަށް ވުން ގާތެވެ.