މޯލްޑިވް ގޭސް އިން ދިވެހިންނަށް ހާއްސަ ވަޒީފާގެ ފުރުސަތުތަކަކަށް ހުޅުވާލައިފިއެވެ.
މޯލްޑިވް ގޭސްގެ މާކެޓިން އެންޑް ޕީއާރްގެ ސީނިއާ އޮފިސަރު އައިޝަތު ހަމީދު "ވަން" އަށް ވިދާޅުވީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވާތީ އެކުންފުނީގެ އެމްޑީގެ އިސްނެގުމުގެ މަތިން ދިވެހިންނަށް ހާއްސަ ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އިއްޔެ ދިވެހިންނަށް ހާއްސަ ހަތަރު ވަޒީފާއެއްގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
"ކޮވިޑާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ވަޒީފާތައް ވަނީ ގެއްލިފަ، ދިވެހިންނަށް ހާއްސަ ވަޒީފާތަކެއް ހުޅުވާލުމުން، މި ބަލިމަޑުކަމުގެ ސަބަބުން ވަޒީފާ ގެއްލުނު ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ، މި ކަމަކީ މި ކުންފުނީގެ އެމްޑީގެ ހާއްސަ އިސްނެންގެވުމުގެ މަތިން ކުރިއަށް ގެންދާ ކަމެއް،" އައިޝަތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިއްޔެ ގެޒެޓް ކޮށްފައިވާ ވަޒީފާތަކަށް ހަމައެކަނި ހޮވާނީ ދިވެހިން ކަމަށާއި އެގޮތުން އެ ވަޒީފާތަކުގެ މުސާރައިގެ ރޭންޖަކީ 9000 އާއި 10،000 ދެމެދު ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ދިވެހިންނަށް ހާއްސަ ވަޒީފާތަކަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
"އިއްޔެ ހަތަރު މަގާމަކަށް ދިވެހިން ހޯދަން އިއުލާން ކުރެވުނު، ކުރިއަށް އޮތް ތަނުގައި އިތުރު ވަޒީފާތަކަށް ހުޅުވާލެވޭނެ، އުންމީދަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން،" އައޝަތު ވިދާޅުވިއެވެ.
މޯލްޑިވް ގޭސް އިން އިއްޔެ ވަނީ ދިވެހިންނަށް ހާއްސަ ވަޒީފާއެއްގެ ގޮތުގައި ޑެލިވަރީ ސްޓާފްގެ މަގާމަށް މީހުން ހޯދަން އިއުލާންކޮށްފައެވެ. އެމަގާމުގެ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރޭންޖަކީ 8000 އަދި 9000 ދެމެދެވެ. އިތުރު ގަޑީގައި މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ފައިސާވެސް ލިބޭނެއެވެ.
ފެންވަރު ނުވަތަ ޝަރުތުތަކަކީ ލިޔަން ކިޔަން އެނގުމާއިއެކު ވަޒީފާއަށް ފަރުވާތެރިވުމާއި ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައި ވުމާއި މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ސިއްހަތު ތަންދޭ މީހެއްކަމުގައި ވުމެވެ. ގުޅޭ ދާއިރާއަކުން މަދުވެގެން އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި ޝިފްޓް އުސޫލުން ވަޒީފާ އަދާކުރެވޭނޭ ފަރާތަކަށް ވުމެވެ. މީގެ އިތުރުން ގަޑިއަށާއި ހާޒިރީއަށް ފަރުވާ ބަހައްޓާ މީހަކަށްވުމާއި އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދު މީހަކަށް ވުމެވެ.
މި ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. ވަޒީފާއަށް އެދޭ ފޯމު މޯލްޑިވް ގޭސްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
މޯލްޑިވް ގޭސް
މޯލްޑިވް ގޭސް
މޯލްޑިވް ގޭސް