މާލެ ސަރަހައްދުގައި އިތުރު 1500 ޓަނުގެ ގޭސް ސްޓޯރޭޖެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، އެސްޓީއޯއިން އެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިވަގުތަށް ރާއްޖެއަށް ގޭސް ލިބުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށެވެ. ނަމަވެސް ރާއްޖޭގެ ތެލާއި ގޭހުގެ ސްޓޯރޭޖު ހުރީ ދަށުގައިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުން އަންނަ ކަމަށާއި މި މަސައްކަތް މިއަހަރު ތެރޭ ނިންމާލެވޭނެ ކަމަށެވެ.

"މިހާރު އަޅުގަނޑަށް އެސްޓީއޯއިން އަންގާފައި އޮތީ އިތުރު 1500 ޓަނުގެ ސްޓޯރޭޖް މާލެ ސަރަހައްދުގައި ތަރައްގީކުރަން. މި އަހަރު ނިމެންވާއިރަށް އެ ޕްރޮޖެކްޓް ނިމޭނެ ކަމަށް އެސްޓީއޯއިން ވިދާޅުވަނީ. އޭރުން އަޅުގަނޑުމެންނަށް ދެ މަހާއި ބައިގެ ސްޓޮކް ގެންގުޅެވޭނެ މާލެ ސަރަހައްދުގައި" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިވަގުތު މާލޭ ސަރަހައްދުގައި އެސްޓީއޯއިން ބޭނުން ކުރަމުންދަނީ، 1000 ޓަނުގެ ސްޓޯރޭޖެއް ކަމަށެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ގޭހުގެ ޑިމާންޑް އިތުރުވުމާ ގުޅިގެން، ލިމިޓްކޮށްގެން ގޭސް ވިއްކުމަށް ފަހު، ގޭހުގެ ޝިޕްމަންޓެއް ލިބުމުން މިހާރު ވަނީ ކުރިއެކޭ އެއްގޮތަށް ހިދުމަތްދޭން ފަށައިފައެވެ.