ކައްކާ ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރު ވަގުތީ ބަދަލެއް ގެންނަން މޯލްޑިވް ގޭހުން ނިންމައިފިއެވެ.

މޯލްޑިވް ގޭހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި ބަދަލު ގެނައުމަށް ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ފެށިގެން ކަމަށެވެ.

މި ނިންމުމާއެކު، އެކި ސައިޒުގެ ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން 10 ކިލޯގެ ފުޅިއަކަށް ދެން އަޅައިދޭނީ 7 ކިލޯގެ ގޭހެވެ. އަދި 22 ކިލޯގެ ފުޅިއަކަށް 14 ކިލޯގެ ގޭސް އަޅައިދޭ އިރު، 45 ކިލޯގެ ފުޅިއަކަށް ދެން އަޅައިދޭނީ 31 ކިލޯގެ ގޭހެވެ.

މޯލްޑިވް ގޭހުން ބުނި ގޮތުގައި، ގޭސް އަޅައިދޭ މިންވަރަށް މި ބަދަލު ގެނައި ނަމަވެސް ގޭހުގެ އަގު ބޮޑެއް ނުވާނެއެވެ. އަދި ފައިސާ ނަގަމުންދާނީ ފުޅިއަށް އަޅާ ގޭހުގެ ބަރުދަނަށް ބަލައި، މިހާރުވެސް ކަނޑައަޅާފައިވާ ކިލޯގެ ރޭޓުން ކަމަށް އެ ކުންފުނިން ބުންޏެވެ.

މޯލްޑިވް ގޭހުން ބުނީ، މި ވަގުތީ ބަދަލު ގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން، މެދުނުކެނޑި އެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ އިރު، އެ މަޝްރޫއު ނިމުމުން ތިން މަސްދުވަހުގެ ގޭސް އެއްފަހަރާ ރައްކާކުރެވި، މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ. މި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މޯލްޑިވް ގޭހުން ވަނީ މައާފަށް އެދިފައެވެ.