އެމެރިކާއާއި އިޒްރޭލުން އިސްވެ އީރާނަށް ހަމަލާދިނުމުގެ ސަބަބުން ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ގޭސް ހޯދުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމާ ގުޅިގެން، މޯލްޑިވް ގޭހުން، ވިޔަފާރިތަކަށް ވިއްކާ ގޭހުގެ އަގު ބޮޑުކޮށްފިއެވެ.

މޯލްޑިވް ގޭހުގެ އޮފިޝަލަކު ވިދާޅުވީ އެ ބަދަލު އަމާޒުކޮށްފައިވަނީ ރިސޯޓުތަކާއި، ހޮޓާ އަދި ކެފޭ ރެސްޓޯރެންޓް ފަދަ ވިޔަފާރިތަކަށް ކަމަށެވެ. ނަމަވެސް އާންމު ރައްޔިތުންނަށް ލުއި ދިނުމުގެ ގޮތުން، ގޭބިސީތަކަށް ވިއްކާ ގޭހުގެ އަގަށް އެއްވެސް ބަދަލެއް ނުގެންނަން ނިންމާފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަލަށް ގެނައި ބަދަލުތަކަށް ބަލާއިރު، އެންމެ ބޮޑު ޕަސަންޓެއް އިތުރުވެފައިވަނީ ރިސޯޓުތަކަށް ވިއްކާ ގޭހުގެ އަގުންނެވެ. އެގޮތުން ރިސޯޓުތަކަށް ވިއްކާ އަގު 25 ޕަސަންޓަށް ބޮޑުކޮށްފައިވާއިރު، ކެފޭ، ހޮޓާ އަދި ރެސްޓޯރެންޓްތަކަށް ވިއްކާ އަގު ވަނީ 15 ޕަސަންޓަށް ބޮޑުކޮށްފައެވެ.

އެ ބަދަލާއެކު 45 ކިލޯގެ ގޭސް ފުޅިއެއްގެ އަގު މިހާރު ވަނީ 1,314 ރުފިޔާއަށް ބޮޑުވެފައެވެ. އަދި 22 ކިލޯގެ ފުޅިއެއްގެ އަގު ވަނީ 500 ރުފިޔާއަށް ބޮޑުވެފައެވެ.