މިހާރުގެ ޕްރޮޖެކްޝަންތަކަށް ބަލާއިރު މިމަހުގެ ފަހުކޮޅުން ފެށިގެން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވާން ފަށާނެ ކަމަށް ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
"ކޮވިޑް ހުއްޓުވާނީ އަހަރެން"ގެ ނަމުގައި ދިވެހި މީޑިއާ އިން އިސްނަގައިގެން ކުރިއަށްގެންދާ ގައުމީ ކެމްޕޭނުގެ ދަށުން ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ، މިމަހުގެ ފަހުކޮޅުން ފެށިގެން ކޮވިޑްގެ ކޭސްތައް މަދުވާނެ ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް ފިޔަވަޅުތަކަށް އަމަލު ނުކޮށް އުޅޭ ނަމަ އަނެއްކާވެސް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"މިހާރު މިއޮތީ ވަރަށް ބޮޑަށް ބަލި ފެތުރިފައި، މިހާރު މިދާ ޓްރެޖެކްޓްރީއަށް ގޮއްސައޭ ތިރިވާނީ. ތަންކޮޅެއް ކުރިން އަޅުގަނޑު ހިއްސާކޮށްފައިވާނެ ޕްރޮޖެކްޝަންތަކެއް. އެހެންކަމުން އެސްޓިމޭޓް ކުރެވޭ ސެޕްޓެމްބަރު ފަހުކޮޅަށް ގޮސްފައި ޓްރެޖެކްޓްރީ ތިރިއަށްދާނީ. އެކަމަކު އަދި މި ޓްރެންޑްގައި ދުވަސްކޮޅަކު ހިފަހައްޓާނެ. ނަމަވެސް އަންދާޒާ ކުރެވެނީ މިފަހުގެ ފަހުކޮޅުން ފެށިގެން ދަށްވާން ފަށޭނެ ކަމަށް،" ޑރ. ޝީނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ، ޝީނާ ވިދާޅުވީ، ވެކްސިނެއް ލިބެންދެން ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ނަމަވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރެވިދާނެ ކަމަށާއި ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނީ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ސިއްހީ މާހިރުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކޮށްގެން ކަަމަށްވެސް ވިދާޅުވިއެވެ.
މި ފަހަކަށް އައިސް ރާއްޖޭގައި ކޮންމެ ދުވަަހަކު 100 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެއެވެ. ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ދިވެހިން ގިނައިރު، ޒުވާން އުމުރުފުރާގެ މީހުންވެސް ގިނައެވެ.
ޑރ. ޝީނާ ވިދާޅުވީ، ބަލީގެ ނުރައްކާ އެންމެ ބޮޑަށް އޮތީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށާއި ނަމަވެސް ޒުވާނުންނަށްވެސް ބަލީގެ ނުރައްކާ އެބައޮތް ކަމަށެވެ. އެހެންކަމުން ބަލީގެ ނުރައްކާ ނެތްކަމަށް ނިންމުން އަދި މާ އަވަސްކަމަށް ވިދާޅުވިއެވެ.
ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުންވާ އިންސާނީ ވަސީލަތް މަދުކަން ފާހަގަކުރައްވައި ޑރ. ޝީނާ ވިދާޅުވީ ޑޮކްޓަރުންނާއި ނަރުހުން ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށެވެ. އަދި ގިނަ ޑޮކްޓަރުންނާއި ނަރުހުން މަސައްކަތް ކުރަނީ އެއްވެސް ބްރޭކެއް ނުނަގައި ކަމަށާއި މިހާރު އެންމެ ހާއްސަ އިސްކަމެއްދޭ ކަމަކީ ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު މަދުކުރުން ކަމަށެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 8،000 ފަހަނައަޅައި ގޮސްފައިވާ އިރު، ކޮވިޑް ޖެހިގެން ރާއްޖެއިން 29 މީހަކު ވަނީ މަރުވެފައެވެ. އެއީ 23 ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު