މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް، ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި، ބ.އޭދަފުށި/ ދިޔަވަރު، އަހުމަދު އިމާދު، އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ރުހުން ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން 69 މެންބަރުން އިމާދު ޑެޕިއުޓީ ގަވަރުނަރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވި އެވެ.

އިމާދުއާ އިންޓަވިއުކޮށް، އޭނާ ޑެޕިއުޓީ ގަވަރުނަރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަރު ކޮމިޓީން ފާސްކުރީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު އެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެމަގާމުގައި މީގެ ކުރިން ހުންނެވި އައިޝަތު ޒާހިރާ އެކަމަނާގެ ދައުރު ފުރިހަމަކުރައްވައި ހުސްވި ޖުލައި މަހު މަގާމުން ވަކިވެވަޑައިގެންނެވުމާއި ގުޅިގެންނެވެ.

އެމްއެމްއޭ އުފެދުނީއްސުރެ ހިދުމަތް ކުރައްވަމުން ވަޑައިގެންނެވި ޒާހިރާ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން ވަކިވެވަޑައިގެންފައިވަނީ ހަ އަހަރުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހުއެވެ.

އެމްއެމްއޭގެ ގާނޫނުގައިވާ ގޮތުން ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވޭނީ ދެ ދައުރެވެ. ޑެޕިއުޓީ ގަވަރުނަރަކީ ރައީސުލްޖުމްހޫރިއްޔާ ނަން ހުށަހަޅުއްވައި ރައްޔިތުން މަޖިލީހުން ފާސްކޮށްގެން އައްޔަން ކުރާ މަގާމެކެވެ.