ޓޫރިޒަމް މިނިސްޓަރު ކަމަށް ޑރ. އަބުދުﷲ މައުސޫމު ދެވަނަ ފަހަރަށް އައްޔަން ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ހުރުން ހޯއްދެވުމަށް ފޮނުއްވުމުން، އޭނާއަށް ރުހުން އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
މައުސޫމަށް ރުހުން އޮތްކަމަށް މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން 69 މީހުން ވޯޓު ދެއްވައިގެންނެވެ.
ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމަށް ޑރ. މައުސޫމު ފުރަތަމަ އައްޔަން ކުރެއްވީ، ހުސްވި އޯގަސްޓްމަހުގެ ހަ ވަނަ ދުވަހުގައެވެ. އަދި ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވީ އެމަހުގެ 10 ގައެވެ.
އެފަހަރު ޑރ.މައުސޫމަށް ރުހުންދޭން ފެންނަ ކަމަށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި ނަމަވެސް މައުސޫމުގެ ހުވައިގެ ސައްހަ ކަމާމެދު، ސުވާލު އުފައްދައި އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވިއެވެ.
ޑރ. މައުސޫމުގެ ހުވަޔާމެދު ސުވާލު އުފެއްދެވި މެންބަރުން ވިދާޅުވީ އެއްވެސް މިނިސްޓަރަކު ވިޔަފާރީގައި އަމަލީގޮތުން ބައިވެރިވެގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާއިރު މައުސޫމު މިނިސްޓަރު ކަމުގެ މަގާމުގެ ހުވައި ކުރެއްވިއިރު ހުންނެވީ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ކަމަށާއި އެމަގާމުން އިސްތިއުފާ ދެއްވާފައި ނުވާކަމަށެވެ.
ނަމަވެސް ކޮމިޓީން ބުނީ، މައުސޫމަށް ރުހުންދިނީ، އިކޮނޮމިކް މިނިސްޓްރީން ފުރަތަމަ ދިން މައުލޫމާތު ގައި، ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި މައުސޫމު ހުންނެވިކަމަށް ބުނި ނަމަވެސް، ފަހުންދިން މައުލޫމާތުގައި، މައުސޫމު އެމަގާމުން އިސްތިއުފާދެއްވާފައިވާ ކަމަށް ބުނެފައިވާތީ ކަމަށެވެ.
އެކަމާގުޅިގެން މަޖިލީހުން އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލުމުން، އެފަހަރު ޑރ. މައުސޫމް މަގާމުގެ ހުވާ ކުރެއްވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ އުފައްދާފައިވާ ސުވާލުތަކާ ގުޅިގެން، އޭނާ އަލުން މަގާމުގެ ހުވައި ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާއަރުވަން ކޮމިޓީން ފާސްކުރިއެވެ.
އެކަމާ ގުޅިގެން ޑރ. މައުސޫމު މަގާމުން އިސްތިއުފާ ދެއްވުމުން، ދެވަނަ ފަހަރަށް ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ މައުސޫމް އައްޔަން ކުރައްވައި، ރުހުން ހޯއްދެވުމަށް އޯގަސްޓް މަހުގެ 31 ވަނަ ދުވަހު މަޖިލީހަށް ފޮނުއްވެވިއެވެ. ހަމަ އެދުވަހު މަޖިލީހުން އެ މައްސަލަ ކޮމިޓީއަށްވެސް ފޮނުވިއެވެ.
ޑރ. އަބުދުﷲ މައުސޫމަށް ރުހުން ދޭން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސް ކުރީވެސް ހަމަ އެދުވަހުއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު