ފެސިލިޓީތަކުގެ ކޮޓަރިތަކަށް ބައެއް މީހުން ގެއްލުން ދޭ ކަމަށާއި އެކަން ތަކުރާރުވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ޑރ. ނަޒްލާ ވިދާޅުވީ ފެސިލިޓީތަކުން މީހުން ދޫކޮށްލާއިރު ބައެއް ކޮޓަރިތަކަށް އެކި ވަރުގެ ގެއްލުންދީފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"އެތަނުގެ ފަރުދާ ކަފާލާފައި ހުރުމާއި ބެޑްޝީޓުތައް ހަލާކުކޮށްފައި ހުރުމާއި ރޫމްގައި ހުންނަ އެކި އެއްޗިއްސަށް ގެއްލުންދީފަ ހުންނަކަން ވެސް އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ، އަދި ބައެއް ފަހަރު ނުތާހިރުކޮށް ތަކެތި ގެންގުޅެފައި، ރޫމުވެސް ވަރަށް ހަޑިކޮށް ހުންނަކަށް ވަނީ ފާހަގަކުރެވިފަ،" ނަޒްލާ ވިދާޅުވި އެވެ.
އެފަދަ އަމަލުތައް ނުކުރުމަށް އިލްތިމާސްކޮށް ޑރ. ނަޒްލާ ވިދާޅުވީ، އެކަން ތަކުރާރުވާނަމަ ފިޔަވަޅު އަޅަން މަޖުބޫރުވާނެ ކަމަށާއި ނަމަވެސް ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ހިސާބަށްދާން ބޭނުންނުވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، މީހުން ކަރަންޓީނުކުރާ ފެސިލިޓީތަކަކީ ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ކޮށްގެން ނަގާފައިވާ ތަންތަން ކަމަށާއި ގެއްލުމެއް ލިބިއްޖެނަމަ ސަރުކާރުން ބަދަލުދޭންޖެހޭ ކަމަށެވެ. އަދި އެފަދަ ކަންކަން ތަކުރާރުވާނަމަ ގެއްލުމުގެ ބަދަލު ހޯދަން ވެސް މަޖުބޫރުވާނެ ކަމަށާއި އިތުރު ފިޔަވަޅުތައް ވެސް އަޅަންޖެހިދާނެ ކަމަށް ވިދާޅުވި އެވެ.