އަތޮޅުތެރެއަށް ދާ މީހުން ހުންނަ ގެ މޮނީޓަރިންއަށް ލިޔަސް، އެ ގެތަކަށް އެހެން މީހުން ދިއުމާއި އަދި ފުރަބަންދުގައި ބަހައްޓާ މީހުން ގެއިން ބޭރަށްދާ މައްސަލަތައް ފާހަގަކުރެވޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓެކްޓް ޓްރޭސިންގައި އުޅުއްވާ، ހެލްތު މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު އަބްދުﷲ މައުރޫފް ވިދާޅުވީ މިހާރު ވެސް ކޮވިޑް ޖެހިފައިވާ 111 މީހަކު 38 ރަށެއްގައި އެބަ ތިބި ކަމަށެވެ. އެހެންކަމުން ކޮންމެހެން ދާން ޖެހިގެން ނޫނީ ރަށްރަށަށް މިދުވަސްކޮޅު ނުދިއުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
އޭނާ އިތުރަށް ވަނީ، ކަރަންޓީނުވާ މުއްދަތުގައި ކަރަންޓީނުގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަށާއި ހާއްސަކޮށް އެކަކު އަނެކަކާއި ބައްދަލުނުވުމަށް އިލްތިމާސްކޮށްފަ އެވެ.
"ރަށަކަށް ހޯމް ކަރަންޓީނަށް މީހަކު ދާ ހިސާބުން ފެށިގެން އެ ގެ އެއް އެބަ މޮނީޓަރިންނަށް ލަން، ނަމަވެސް އަޅުގަނޑުމެންނަށް ފާހަގަކޮށްލެވޭ ބައެއް ފަހަރު ރަށްރަށުގައި ޕޮޒިޓިވް ކޭސްތައް އައިޑެންޓިފައިވާ ހިސާބުން އެބަ ހުރި އައިޑެންޓިފައި ކުރެވިފަ އެހެން ގޭގޭގެ މީހުން އެ ގެއަށް ވަނުމާއި ފުރަބަންދަށް ގޮސް ހުންނަ ފަރާތުން އެހެން ގޭގެއަށް ވަނުމާއި މިކަހަލަ ކަންކަން އެބަހުރި ފާހަގަކުރެވިފަ،" މައުރޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެކަމުގެ ސަބަބުން ނޭންގި ނަމަވެސް އިތުރު ބަޔަކަށް ބަލި ފެތުރުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށާއި އެހެންކަމުން ފުރަބަންދު އުސޫލަށް އަމަލު ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު