ގދ. ހޯނޑެއްދޫން ޕޮޒިޓިވްވި 19 މީހުންނާ 46 މީހަކު ކޮންޓެކްޓް ވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ހޯނޑެއްދޫން ފުރަތަމަ ބައްޔަށް ޕޮސިޓިވްވެފައިވަނީ އެރަށު ހޯމް ކަރަންޓީނުގައި ތިބި އާއިލާއެއްގެ ހަތަރު މެންބަރެކެވެ. ކަރަންޓީނުން ދޫކޮށްލުމަށް ނެގި ރިލީސް ސާމްޕަލުން އެމީހުން ޕޮޒިޓިވްވިކަން އެނގުނީ މިދިޔަ ބުދަ ދުވަހު އެވެ.

ނަމަވެސް މިދިޔަ ހުކުރު ދުވަހު ފުރަބަންދުގައި ތިބި މީހުންނާއި ގުޅުމެއް ނެތް ދެ މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނިގެން ޓެސްޓު ކުރި އިރު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓެކްޓް ޓްރޭސިން ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ، ހެލްތު މިނިސްޓްރީގެ ސީނިއާ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރު އައިމިނަތު އަރޫޝާ ވިދާޅުވީ އިއްޔެ ހޯނޑެއްދޫން ހުކުރު ދުވަހު ޕޮޒިޓިވްވި ދެ މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 36 މީހެއްގެ ސާމްޕަލް ނެގި އިރު، އޭގެ ތެރެއިން 19 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

"މި 19 ޕޮޒިޓިވް ކޭސްއަކީ ހޯނޑެއްދޫގެ ފަސް ގޭބިސީއެއްގެ ކޮންޓެކްޓުން، ކުރިން ޕޮޒިޓިވްވި ދެ ކޭސް އާއި މި 19 ކޭސްގެ މިހާތަނަށް 46 ކޮންޓެކްޓުން އަޅުގަނޑުމެންނަށް މި އިންވެސްޓިގޭޝަނުން ފާހަގަކުރެވިފައިވޭ،" ހޯނޑެއްދޫގައި ހިންގާ ތަހުގީގާ ގުޅޭގޮތުން އަރޫޝާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ކޭސްތަކާ ގުޅިގެން ހިންގާ ތަހުގީގުގައި އެރަށަށް ހޯމް ކަރަންޓީނަށް ގޮސް ތިބި މީހުންނާއި ބޯޓު ފަހަރުންނާއި އެކި ގޮތްތަކަށް އެރަށަށް ގޮސްފައިވާ މީހުން ހޯދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސެއް މީ މި ވަގުތު ކޮންޓެކްޓް ޓްރޭސިންގެ ކަންތަކާ އިތުރަށް މިކަން އިންވެސްޓިގޭޓް ކުރުމުގެ ކަންތައް ކުރިއަށްދާ ވަގުތު މި ކޭސްތަކާ އެއްވެސް ގޮތަކަށް ކޮންޓެކްޓްވެފައި ނޫނީ ގުޅުމެއްވާނަމަ ވީހާވެސް އަވަހަކަށް ހޯނޑެއްދޫގައި މިވަގުތު ގާއިމުކުރެވިފައިވާ ހޮޓްލައިނަށް އެކަން އަންގާލަދެއްވުން އެދެން،" އަރޫޝާ ވިދާޅުވި އެވެ.

ކޮންޓެކްޓުންގެ ގޮތުގައި ބަލާނީ މާސްކު ނާޅައި 15 މިނަޓަށްވުރެ ގިނައިރު، ހަ ފޫޓަށްވުރެ ކައިރިން ޕޮޒިޓިވްވި މީހަކާ ބައްދަލުވި މީހުންނެވެ.

ކުލޯޒް ކޮންޓެކްޓުންގެ ގޮތުގައި ބަލަނީ އަލާމާތެއްހުރެ، ޕޮޒިޓިވްވެއްޖެނަމަ އެ އަލާމާތްތައް ފެނުމުގެ ދެ ދުވަސް ކުރިން ކޮންޓެކްޓް ވެފައިވާ މީހުންނެވެ. އަލާމާތެއް ނެތި ޕޮޒިޓިވްވެފައިވާނަމަ، ކޮންޓެކްޓުންގެ ގޮތުގައި ބަލާނީ ސާމްޕަލް ނެގި ދުވަހުގެ ދެ ދުވަސް ކުރިން ކޮންޓެކްޓުވި މީހުންނެވެ.

އަރޫޝާ ވަނީ، އެއްވެސް މީހަކާ ކޮންޓެކްޓު ވެފައިވާނަމަ ފަސް ނުޖެހި އެ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ. އަދި ވީހާވެސް އަވަހަށް އެކަން ހިއްސާ ކުރުމަށާއި އެކަމުގެ ސަބަބުން އެރަށުގައި ކޮވިޑް ފެތުރުން ހުއްޓުވަން ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯނޑެއްދޫން މިއަދު ޕޮޒިޓިވްވި 19 މީހުންގެ ތެރޭގައި ހިމެނެނީ 11 ފިރިހެނުންނާއި އަށް އަންހެނުންނެވެ. އެއީ އެއް އަހަރުން ދަށުގެ ދެ ކުދިންނާއި އެއް އަހަރާއި 18 އަހަރުން ދަށުގެ އަށް މީހުންނާއި 18 އަހަރާއި 50 އަހަރުގެ ހަތް މީހެއް އަދި 50 އަހަރުން މަތީގެ ދެ މީހެކެވެ.

މި ކޭސްތަކާ ގުޅިގެން ހޯނޑެއްދޫ މޮނީޓަރިންގެ ހާލަތަށް ގެނެސް، އެރަށުގެ ކެފޭތަކާއި ސްކޫލު ވެސް ވަނީ ބަންދުކޮށްފަ އެވެ.