ޚަބަރު

ޑޮލަރުގެ ދަތިކަން ފިލުވައިލެވޭނީ ބޮޑުކަންނެލީގެ ސިނާއަތް ކުރިއަރުވައިގެން: ބޮންޑޭ

އަލީ ޔާމިން

5

ޑޮލަރުގެ ދަތިކަން ފިލުވައިލެވޭނީ ބޮޑުކަންނެލީގެ ސިނާއަތް ކުރިއަރުވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

މެންބަރު އިބްރާހިމް ރަޝީދު މިހެން ވިދާޅުވެފައި މިވަނީ ޑޮލަރު ލިބުމުގައި ދަތިވުމުގެ ސަބަބުން ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވުމުން އެކަމަށް އިޝާރާތް ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން އޭނާ ވިދާޅުވީ، އާދައިގެ ފަސް ރިސޯޓުން ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ނުވެއްދޭހާ ގިނަ ބޭރު ފައިސާ މިދިޔަ މަހު އެންމެ ކަންނެލި ފެކްޓަރީއަކުން ވައްދާފައިވާ ކަމަށެވެ.

"ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވީމަހު އެކަނިވެސް އާދައިގެ 5 ރިސޯޓުން މާލީ ނިޒާމަށް ނުވެއްދޭނެހާ ގިނަ ބޭރުފައިސާ 3.5 މިލިއަން ޑޮލަރު އެންމެ ކަންނެލި ފެކްޓަރީއަކުން ވަނީ ވަައްދާފައި. ޑޮލަރުގެ ދަތިކަން ފިލުވައިލެވޭނީ ބޮޑުކަންނެލީގެ ސިނާއަތް ކުރިއަރުވައިގެން" އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ މައި ސިނާއަތް ފަތުރުވެރިކަން ހުއްޓުމަކަށް އައުމާ ގުޅިގެން ގައުމުގެ އިގްތިސޯދަށް ބޮޑު ހީނަރުކަމެއް ވަނީ އައިސްފައެވެ. އަދި ރާއްޖެއަށް އެތެރެވާ ބޭރު ފައިސާގެ އަދަދު ބޮޑުތަނުން ވަނީ ތަށަށް ގޮސްފައެވެ. އެއާއެކު، ޑޮލަރުގެ އަގު އުފުލި، ކަޅު ބާޒާރެއް ވނީ އުފެދިފައެވެ.

ކަޅު ބާޒާރުގައި މިހާރު ޑޮލަރެއް ލިބެން ހުރީ 19ރ އާ 21ރ އާ ދެމެދުގެ އަގެއްގެވެ. ނަމަވެސް ޑޮލަރުގެ ރާއްޖޭގެ ކޮންޓްރޯލްޑް އަގަކީ 15.42ރ އެވެ.