ކ. ގުރައިދޫގައި ހޯމް ކަރަންޓީނާ ހިލާފުވި މީހަކު 2500 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
ފުލުހުން ބުނީ، ހޯމް ކަރަންޓީނާ ހިލާފުވެގެން ޖޫރިމަނާ ކޮށްފައިވަނީ 39 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މިއީ އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާބެހޭ ގަވާއިދަށް ފުރަތަމަ އިސްލާހު ގެނެވި، އެގަވާއިދުގެ ތެރެއަށް އަލަށް އިތުރުކުރި 13 ވަނަ މާއްދާގެ (ށ) ގެ ދަށުން މީހަކު ޖުރިމަނާކުރި ފުރަތަމަ ފަހަރެވެ.
ފުލުހުން ވަނީ ކަރަންޓީނު ކުރެވޭ ނުވަތަ އެކަހެރިކުރެވޭ މީހުން ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތްތެރިވެފަ އެވެ.
އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާ ބެހޭ ގަވާއިދަށް މިިދޔަ އާދީއްތަ ދުވަހު ގެނައި އިސްލާހުގައި ބުނާ ގޮތުން، ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނުވާން އެންގި މީހަކު، އެ އަމުރާ ހިލާފުވެއްޖެނަމަ 5،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ އެވެ.
އެގޮތުން އެ ގަވާއިދުގެ ދަށުން ކަރަންޓީނުވުމަށް އަންގައިފައިވާ މީހަކު، އެ އަމުރާ ހިލާފުވެއްޖެނަމަ ފުރަތަމަ ފަހަރު 2500 ރުފިޔާ އިން، ދެވަނަ ފަހަރު 3500 ރުފިޔާއިން އަދި ތިންވަނަ ފަހަރުން ފެށިގެން އަމުރާ ހިލާފުވާ ކޮންމެ ފަހަރަކު 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެކަން ތަންފީޒު ކުރާނީ ފުލުހުން ކަމަށާއި ފުލުހުންގެ ހިދުމަތް ނެތް ރަށްރަށުގައި އެ ފިޔަވަޅުތައް އަޅާނީ ކައުންސިލުން ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.