މާލެ ސަރަހައްދުގައި ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭން ނިންމާފައިނުވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ގެސްޓްހައުސްތައް ހުޅުވަން ނިންމާފައިވަނީ އަންނަ މަހުގެ 15 ގައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ ކުރިން ނެރެފައިވާ "ސޭފް ޓުއަރިޒަމް ގައިޑްލައިން"ގައިވާ ގޮތުން ގެސްޓްހައުސްތައް ހުޅުވައިލަން ނިންމާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. ނަމަވެސް ސަރުކާރުން ވަނީ ގެސްޓްހައުސްތައް ހުޅުވުން ފަހުން ފަސްކޮށްފައެވެ.
އެކަމާ ގުޅޭގޮތުން މައުލޫމާތުދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭން ނިންމާފައިވަނީ ގްރޭޓާ މާލެ ސަރަހައްދުގައި ފިޔަވައި އެހެން ހިސާބުތަކަށް ކަމަށާއި މާލެ ސަހަރަހައްދަށް ހުއްދަ ދޭން އެޗްޕީއޭއިން ނިންމާފައިވަނީ ފަސް ޕަސެންޓަށްވުރެ ޕްޒިޓިވް ކޭސް ދަށްވެއްޖެނަމަ ކަމަށެވެ.
"އެކަމަކު އެޗްޕީއޭ އިން ވިދާޅުވެފައި އެބައޮތް މާލެ ސަރަހައްދުގައި ފަސް ޕަސެންޓަށް ވުރެ ޕްޒިޓިވް ކޭސް ދަށްވެއްޖެނަމަ ހުއްދަ ދެވޭނެ ކަމަށް. އަނެއްކޮޅުން އިތުރުވާނަމަ އިތުރަށް ވާން ކުރަން ވެސް ޖެހިދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވަން ނިންމި ނަމަވެސް މިކަމަކީ ވަރަށް ގޮންޖެހުން ބޮޑު ނިންމުމެއް ކަމަށެވެ. ނަމަވެސް މިކަން ދައްކަން ބޭނުންވަނީ ދުނިޔެއަށް ނަމޫނާއެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.
"މިކަން ފުރިހަމަކޮށްދިނުމަށް އެޗްޕީއޭ އާއި އިންޑަސްޓްރީ އަދި ރައީސް ސޯލިހު ކުރެއްވި މަސައްކަތްތަކަށް ޝަކުރު އަދާކުރަން. އަޅުގަނޑުމެން މިކަމުގައި އެންމެންގެ އެހީތެރިކަން ބޭނުންވޭ. ގެސްޓްހައުސް ހުޅުވައިލުން ދައްކަން ބޭނުންވަނީ ރޯގާ ބަލިމަޑުކަމުގެ ތެރޭގައި ވެސް އިގުތިސޯދީ ހަރަކާތެއް ހިންގިދާނެކަން. މިސާލެއްގެ ގޮތުގައި،" މައުސޫމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ގެސްޓްހައުސްތަކަށް ދާ ޓޫރިސްޓުން ވެސް ރާއްޖޭން ފުރާނަމަ ޓެސްޓު ހަދަން މަޖުބޫރުވާނެ ކަމަށާއި އެގޮތުން ޕްރައިވެޓްކޮށް ޓެސްޓް ހަދަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަން ހެލްތު މިނިސްޓްރީން މިހާރު ނިންމާފައިވާ ކަމަށެވެ. މިއީ ބިޒްނަސް މޮޑެލްގައި އެކަން ކުރަން ފުރުސަތެއް ކަމަށާއި އޭރުން ދުނިޔޭގައި މިކަން ކުރާ ގޮތަށް އެކަން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މި ގެސްޓްހައުސް ހުޅުވާލުމާއެކު ގެސްޓްހައުސް ސިނާއަތް ވެސް ޕްރޮމޯޓް ކުރަން، އެމްއެމްޕީއާރުސީން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ކިތަންމެ ކުޑަ ދާއިރާއެއް ނަމަވެސް ހުރިހާ ދާއިރާއަކަށް ވެސް އިސްކަން ދޭނެ ކަމަށާއި ހުރިހާ ދާއިރާއަކުންވެސް އަންނަ ޓޫރިސްޓުން ރާއްޖެއަށް މުހިންމު ކަމަށް މައުސޫމް ވިދާޅުވިއެވެ.
ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭނީ ކައުންސިލްތަކުން އެކަމަށް ލިޔުމަކުން އެދުމުން ކައުންސިލްގެ ހުއްދައާއެކުގައެވެ. އަދި ގެސްޓްހައުސް ހުޅުވާ ރަށެއްގައި ގެސްޓުން ކަރަންޓީންކޮށް އަދި އައިސޮލޭޓް ކުރެވޭނެ އިންތިޒާމު ހުންނަން ޖެހެއެވެ.
މީގެ އިތުރުން ބޭނުން ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރެވޭ ގޮތަށް ޓްރާންސްޕޯޓުގެ ހިދުމަތް ހާއްސަކޮށްފައި ވެސް ހުންނަން ޖެހެއެވެ. ގެސްޓްހައުސްތަކުގެ މުވައްޒަފުން ތިބެން ޖެހެނީ މާސްކް އަޅައިގެންނެވެ. ރަށްރަށަށް ދާ ގެސްޓުން ރަށު ތެރޭގައި އުޅެވޭނެއެވެ. ނަމަވެސް ގޭގެއަށް ވަދެ ހެދުމަކީ މަނާ ކަމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު