މާލެ ފިޔަވައި އެހެން ރަށެއްގައި ކޮވިޑުގެ ކޮމިޔުނިޓީ ސްޕްރެޑެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
"ކޮވިޑް ހުއްޓުވާނީ އަހަރެން" ދިވެހި މީޑިއާގެ ގައުމީ ކެމްޕޭން އިފްތިތާހުކުރުމަށް މިރޭ ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ ބަލި ނެތް ރަށްރަށުން ކޭސްތަކެއް ފެނުނު ނަމަވެސް، އެކަމަށް އަވަސް ފިޔަވަޅު އަޅައި ކޮންޓްރޯލުކުރުމަށް ސިއްހީ ހިދުމަތްތެރިން މަސައްކަތްކުރާ ކަމަށެވެ.
"މާލެ ފިޔަވައި އެހެން އެއްވެސް ރަށެއްގައި، އިރާދަކުރެއްވީތީ ކޮމިޔުނިޓީ ސްޕްރެޑެއް ނެތް. އަދި އެހެން ރަށަކުން ބަލި މީހަކު ފެނުނަސް، ސިއްހީ ހިދުމަތްތެރިން އެ އަންނަނީ ވަރަށް ރަނގަޅަށް އެކަން މޮނިޓާކޮށް ކޮންޓްރޯލް ކުރަމުން. އަދި ފަތުރުވެރިން ޗުއްޓީ ހޭދަކުރާ ރިސޯޓްތަކާއި މީހުން ދިރިއުޅޭ ރަށްތައް މި އޮންނަނީ މުޅިން ވަކިން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މެސެޖު އަދިވެސް ބޭރު ދުނިޔެއަށް ރަނގަޅަށް ނުދާ ކަމަށާއި އެއީ ރާއްޖެ އަންނަން ބޭނުންވެފައި ތިބި ފަތުރުވެރިންނަށް ވަރަށް ރަނގަޅަށް ސާފުކޮށްދޭންޖެހޭ ކަމެއް ކަމަށެވެ.
"ވަކިން ހާއްސަކޮށް އޮކްޓޫބަރު 15 ވަނަ ދުވަހު، ގެސްޓް ހައުސްތައް ހުޅުވައިލުމަށް ތައްޔާރުވަމުން އަންނައިރު، ބޭރު ދުނިޔެއަށް މި މެސެޖް ވަރަށް ރަނގަޅަށް ފޯރުކޮށްދޭން އެބަޖެހޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިރޭ ފެށި ކެމްޕޭނުގެ ތެރެއިން އެ މެސެޖު ރައްދުކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށާއި ނޫސްވެރިން، އެއް ވިސްނުމެއްގައި އެއް އަޒުމެއްގައި ކަމެއް ކުރަން ތެދުވެއްޖެ ނަމަ، ވަރަށް ފަސޭހައިން އެކަމެއް ހާސިލުކުރެވޭނެ ކަމަށެވެ.
"ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނަކީ ރާއްޖޭގެ އެޑިޓާސް ގިލްޑުން އިސްނަގައިގެން ރާއްޖޭގެ އޮންލައިން ނޫސްތަކާއި ޓީވީ، އަދި ރޭޑިއޯގެ އިތުރުން ނިއު މީޑިއާ ގުޅިގެން ކޮވިޑާ ގުޅޭ ގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ބަލި ކޮންޓްރޯލުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމުގެ މަގުސަދުގައި ފެށި ކެމްޕޭނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު