ގައުމަށް ލޮޅުން އެރި ކޮންމެ ހާލަތެއްގައި ދިވެހި ނޫސްވެރީން އެމީހުންގެ ފުރިހަމަ ޒިންމާ އަދާކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
"ކޮވިޑް ހުއްޓުވާނީ އަހަރެން" ދިވެހި މީޑިއާގެ ގައުމީ ކެމްޕޭން އިފްތިތާހުކުރުމަށް މިރޭ ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކެނޑިނޭޅި ދެމުން އަންނަ އިރުޝާދުތަކަށް ފުރިހަމައަށް ކޮވިޑަކީ ކޮންޓްރޯލް ނުކުރެވޭ ވަރުގެ ބައްޔެއް ނޫން ކަމަށާއި ދިވެހި ނޫސްވެރިންގެ މި ކެމްޕޭނާއެކު މިކަމުގައި ވަރަށް އަވަހަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.
"ރާއްޖޭގެ ނޫސްވެރިންނަކީ ގައުމީ ކަންކަމަށް ވަރަށް ބޮޑަށް އިސްކަން ދޭ ބައެއް. އިގުތިސާދީ ގޮތުން ވިޔަސް، ނުވަތަ ސިޔާސީ ގޮތުން ވިޔަސް، ގައުމަށް ލޮޅުން އަރައިގެންދާ ކޮންމެ ދަނޑިވަޅެއްގައި އަމާން އައްސޭރިއަކަށް އާންމު ރައްޔިތުން ގެންގޮސްދިނުމުގައި، ދިވެހި ނޫސްވެރިން އަދާކޮށްފައިވަނީ ވަރަށް ޒިންމާދާރު މަސައްކަތްތަކެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮވިޑާ ގުޅޭގޮތުން ރާއްޖޭގެ ހަގީގީ މަންޒަރު، އަދިވެސް ގިނަ މީހުންނަކަށް ނޭނގޭ ކަމަށާއި ރާއްޖޭގެ ހާލަތު ރަނގަޅަށް ބުނެ ނުދެވޭ ކަމަށެވެ. އަދި ރާއްޖޭގެ ރަށްތަކަށް އާބާދީ ބެހިފައިވާ ގޮތަށާއި، ފަތުރުވެރިކަމުގެ ސިނާއަތު ތަރައްގީކުރެވިފައި އޮތް ގޮތަށް ބަލާއިރު، ޗުއްޓީ ހޭދަކުރާ މީހުންނަށް އެންމެ އަމާން އެންމެ ރައްކާތެރި އެއް މަންޒިލަކީ އަދިވެސް ރާއްޖެކަން ޔަގީން ކަމަށް ރައީސް ވިދާޅުވިއެވެ.
"މާލެ ފިޔަވައި އެހެން އެއްވެސް ރަށެއްގައި، އިރާދަކުރެއްވީތީ ކޮމިޔުނިޓީ ސްޕްރެޑެއް ނެތް. އަދި އެހެން ރަށަކުން ބަލި މީހަކު ފެނުނަސް، ސިއްހީ ހިދުމަތްތެރިން އެ އަންނަނީ ވަރަށް ރަނގަޅަށް އެކަން މޮނިޓާކޮށް ކޮންޓްރޯލް ކުރަމުން. އަދި ފަތުރުވެރިން ޗުއްޓީ ހޭދަކުރާ ރިސޯޓްތަކާއި މީހުން ދިރިއުޅޭ ރަށްތައް މިއޮންނަނީ މުޅިން ވަކިން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މެސެޖު އަދިވެސް ބޭރު ދުނިޔެއަށް ރަނގަޅަށް ނުދާ ކަމަށާއި އެއީ ރާއްޖެ އަންނަން ބޭނުންވެފައި ތިބި ފަތުރުވެރިންނަށް ވަރަށް ރަނގަޅަށް ސާފުކޮށްދޭންޖެހޭ ކަމެއް ކަމަށެވެ.
"ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނަކީ ރާއްޖޭގެ އެޑިޓާސް ގިލްޑުން އިސްނަގައިގެން ރާއްޖޭގެ އޮންލައިން ނޫސްތަކާއި ޓީވީ، އަދި ރޭޑިއޯގެ އިތުރުން ނިއު މީޑިއާ ގުޅިގެން ކޮވިޑާ ގުޅޭ ގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ބަލި ކޮންޓްރޯލުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމުގެ މަގުސަދުގައި ފެށި ކެމްޕޭނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު