ކޮވިޑާ ދެކޮޅަށް ދިވެހި މީޑިއާއިން ފެށި ގައުމީ ކެމްޕޭނަށް ހުރިހާ މުއައްސަސާތަކުން ފުރިހަމަ އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

"ކޮވިޑް ހުއްޓުވާނީ އަހަރެން" ދިވެހި މީޑިއާގެ ގައުމީ ކެމްޕޭން އިފްތިތާހުކުރުމަށް މިރޭ ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ މިއީ ރާއްޖެ މިހާރު އޮތް ހާލަތަށް ބަލާއިރު، ވަރަށް ބޭނުންތެރި ކެމްޕޭނެއް ކަމަށެވެ. އަދި މި ކޭމްޕޭނުގެ ސްޓިއަރިން ކޮމިޓީގެ ބޭފުޅުނަށާއި، މި ކެމްޕޭނުގައި ބައިވެރިވާ މީޑިއާތަކުގެ ހުރިހާ ބޭފުޅުންނަށް ވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

"މި ކެމްޕޭންގެ މަގުސަދަކީ ފަރުދީ ޒިންމާގެ ދައުރު މިހާރަށް ވުރެ ފުޅާކޮށް، ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ކެމްޕޭންގައި ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާއާތްތަކާއި، މިނިވަން މުއައްސަސާތައް ވެސް، ބައިވެރިވެ މަސައްކަތްކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ މި ބަލީގެ ނުރައްކާތެރިކަން ކުޑަ ގައުމަކަށް ހެދެން އޮތީ އެންމެން އެކުގައި މަސައްކަތްކޮށް، މި ބަލި ފެތުރުން ކޮންޓްރޯލްކޮށްގެން ކަމަށާއި އެންމެންވެސް ފަރުދީ ޒިންމާތައް ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ.

"ވަކިން ހާއްސަކޮށް، ޒަރޫރީ ކަމެއްގައި ނޫނީ، އާންމުންގެ ތެރެއަށް ނުނިކުތުމަށާއި، ނުކުންނަން ޖެހުނަސް، މާސްކް އަޅައިގެން ނޫނީ ބޭރަށް ނުނިކުތުން. ގިނަގިނައިން އަތް ދޮވުމާއެކު، ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުން،" އެމަނިކުފާނު ވިދާޅުވިއެވެ.

"ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނަކީ ރާއްޖޭގެ އެޑިޓާސް ގިލްޑުން އިސްނަގައިގެން ރާއްޖޭގެ އޮންލައިން ނޫސްތަކާއި ޓީވީ، އަދި ރޭޑިއޯގެ އިތުރުން ނިއު މީޑިއާ ގުޅިގެން ކޮވިޑާ ގުޅޭ ގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ބަލި ކޮންޓްރޯލުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމުގެ މަގުސަދުގައި ފެށި ކެމްޕޭނެކެވެ.