ރާއްޖޭގެ އޮންލައިން ނޫސްތަކާއި ޓީވީ، އަދި ރޭޑިއޯގެ އިތުރުން ނިއު މީޑިއާ ގުޅިގެން ކޮވިޑާ ގުޅޭ ގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ބަލި ކޮންޓްރޯލުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވައިދެއްވައިފިއެވެ.

ރައީސް ސޯލިހު މި ކެމްޕޭން އިފްތިތާހުކޮށްދެއްވާފައިވަނީ މިރޭ 10:00ގައި އެކަމަށް ބޭއްވި ހާއްސަ ހަފުލާއެއްގައެވެ.

އެ ހަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއީ ރާއްޖެ މިހާރު އޮތް ހާލަތަށް ބަލާއިރު، ވަރަށް ބޭނުންތެރި ކެމްޕޭނެއް ކަމަށެވެ. އަދި މި ކޭމްޕޭނުގެ ސްޓިއަރިން ކޮމިޓީގެ ބޭފުޅުނަށާއި، މި ކެމްޕޭނުގައި ބައިވެރިވާ މީޑިއާތަކުގެ ހުރިހާ ބޭފުޅުންނަށް ވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

"މި ކެމްޕޭންގެ މަގުސަދަކީ ފަރުދީ ޒިންމާގެ ދައުރު މިހާރަށް ވުރެ ފުޅާކޮށް، ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ކެމްޕޭންގައި ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާއާތްތަކާއި، މިނިވަން މުއައްސަސާތައް ވެސް، ބައިވެރިވެ މަސައްކަތްކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ މި ބަލީގެ ނުރައްކާތެރިކަން ކުޑަ ގައުމަކަށް ހެދެން އޮތީ އެންމެން އެކުގައި މަސައްކަތްކޮށް، މި ބަލި ފެތުރުން ކޮންޓްރޯލްކޮށްގެން ކަމަށާއި އެންމެންވެސް ފަރުދީ ޒިންމާތައް ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ.

އެ ހަފުލާގައި ވާހަކަދައްކަވަމުން ކެމްޕޭން ވިލަރެސްކޮށް ކުރިޔަށް ގެންދާން މީޑިއާތަކުގެ ތެރެއިން އެކުލަވައިލި ސްޓިއަރިން ކޮމެޓީގެ ޗެއާ އަދި ވަން އޮންލައިންގެ ސީއީއޯ ސިނާން އަލީ އެ ކެމްޕޭނަށް ރައްޔިތުންގެ ބޮޑު އެއްބާރުލުމެއް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

ކޮވިޑާ ދެކޮޅަށް ދިވެހި މީޑިއާތައް ގުޅިގެން ގައުމީ ފެންވަރުގެ ހާއްސަ ކެމްޕޭނެއް ފަށަން ނިންމާފައި މި ވަނީ ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ވަގުތެއްގައެވެ. އެގޮތުން މިއަދުގެ ނިޔަލަށް މި ބަލީގައި ރާއްޖެއިން 29 މީހަކު މަރުވެފައިވާ އިރު، ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 7000 އިން މައްޗަށް އަރައިފައެވެ. އަދި ކޮންމެ ދުވަހަކުވެސް އިތުރު 100 އަށް ވުރެ ގިނަ މީހުންނަށް ދަނީ މި ބަލި އަލަށް ޖެހެމުންނެވެ.

މީޑިއާއިން މި ފަށާ ކެމްޕޭނާ ގުޅިގެން މި ކެމްޕޭން ވިލަރެސްކޮށް ކުރިޔަށް ގެންދާން މީޑިއާތަކުގެ ތެރެއިން ހާއްސަ ސްޓިއަރިން ކޮމެޓީއެއްވެސް ވަނީ ހޮވައިފައެވެ. މުޅި ކެމްޕޭންގެ ކަންކަން ކުރިޔަށް ދާނީ މީޑިއާތަކާ ގުޅިގެން މި ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށް ރާއްޖޭގެ މީޑިއާތަކުގެ އެޑިޓާސް ގިލްޑުން ދާދި ފަހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ.

ކޮވިޑަށް ރައްޔިތުން އިތުރަށް ހޭލުންތެރިކޮށް، ބަލި ކޮންޓްރޯލުކުރުމަށް ބާރު އެޅުމަށްޓަކައި ކަމާ ގުޅޭ އެކި ކަހަލަ ވީޑިއޯތަކާއި ރިޕޯޓު ތަކާއި ހޭލުންތެރުކުރުމުގެ މެސެޖުތަކާއި ޕްރޮގްރާމްތައް މި ކެމްޕޭންގެ ތެރެއިން ހުރިހާ މީޑިއާތައް ގުޅިގެން ގެނެސްދޭން ވަނީ ނިންމައިފައެވެ.