ޕްރޮޖެކްޓް ގާޑިއަން އަދި ވިމަން އިން ޕޮލިސިން އިފްތިތާހުކޮށްފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ޕްރޮޖެކްޓް ގާޑިއަން އަދި ވިމަން އިން ޕޮލިސިން އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދެވެ.

އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޕްރޮޖެކްޓް ގާޑިއަންއަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސްޓްރެޓެޖިކް ޕްލޭންގައި ކުޑަކުދިންނާއި އަންހެންނުންނާއި އާއިލާތަކަށް ހިންގުމަށް ކަނޑައެޅައިފައިވާ ޕްރޮގްރާމްތަކާއި ހަރަކާތްތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގައި މައިގަނޑު ގޮތެއްގައި ކުރެވޭނެ މަސައްކަތަކީ ކުޑަކުދިންނާއި އަންހެނުންނާއި ދެކޮޅަށް ކުރެވޭ ކުށްތައް ހުއްޓުވުމާއި މިގޮތުން އެފަދަ ކުށްތަކާ ގުޅޭ ހާއްސަ ސެލްއެއް ގާއިމުކޮށް އެފަދަ ކުށްތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމާއި މުޖުތަމައު ހޭލުންތެރިކުރުވުމަށް ޕްރޮގްރާމްތައް ހިންގުމާއި ކުށްކުރާ ސަބަބުތަކާއި ކުށްކުރުމަށް މަގުފަހިވާ ސަބަބުތައް ދެނެގަނެ އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެވެ.

ވިމަން އިން ޕޮލިސިންއަކީ ފުލުހުންގެ ތެރޭގައި އަންހެނުން ބާރުވެރިކުރުވައި، ފުލުހުންގެ މުއައްސަސާގެ ތެރޭގައި އަންހެނުންގެ ދައުރު އިތުރުކޮށް، އަންހެން ފުލުހުންގެ އަދަދު އިތުރުކުރުމުގެ ޕްރޮޖެކްޓެކެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މެޑަމް ފަޒްނާ ވިދާޅުވީ، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ތަފާތު އަނިޔާގެ މައްސަލަތައް ފެންމަތިވާލެއް އިތުރުވަމުންދާ ކަމަށެވެ. އަދި އެފަދަ މައްސަލަތަކާ މެދު އާންމުން ހޭލުންތެރިވާ މިންވަރުވެސް އިތުރުވެފައިވާ ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

"އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެންމެ ކުރީ ސަފުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ފުލުހުން. މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު މިބާވަތުގެ ކަންކަން ހިއްސާ ކުރުމަކީ ކޮށް އުޅުނު ކަމެއް ނޫން. އެކިއެކި ސަބަބުތަކާ ހުރެ މިފަދަ ކަންކަން ހުއްޓުވިފައެއް ނެތް. ނަމަވެސް ހޭލުންތެރިކަން އިތުރުވުމުގެ ސަބަބުން މިހާރު މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރު،" މެޑަމް ފަޒްނާ ވިދާޅުވިއެވެ.

މީގެ އިތުރުން މެޑަމް ފަޒްނާ ވިދާޅުވީ، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއްބަޔަކީ ފުލުހުން ކަމަށެވެ. އަދި ކޮންމެ ރަށެއްގައިވެސް ނޭބަހޫޑް ފުލުހުން ތިބުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފުލުސް ކޮމިޝަނަރު ހަމީދު ވިދާޅުވީ، ފުލުހުންގެ މުއައްސަސާއިން އަބަދުވެސް މަސައްކަތްކުރަނީ ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކަމަށެވެ. އެގޮތުން މިއަދު ތައާރަފުކުރެވުނު ދެ ހިދުމަތާއެކު ފުލުހުންގެ ހިދުމަތް އިތުރަށް ފުރާވެ ހަރުދަނާވެގެންދާނެ ކަމަށް ވިދާޅުވިއެވެ.