އެމަނިކުފާނުގެ އެކައުންޓަކަށް އެސްއޯއެފުން މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައި އެއްވެސް ގޯހެއްއުޅޭނަމަ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ނުކުރީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށްލުމަށާއިި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް، މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، އަމިއްލަ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވީ، އެމަނިކުފާނު ރައީސްކަމުގައި ހުންނެވި އިރު، އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ނަމަކަށް ކިޔާ ފަޅުރަށެއް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާވުމުން އެ ފައިސާގެ އަސްލު އޮޅުވާލި ކަމަށްބުނެ ދައުލަތުން ކުރި ދައުވާގައެވެ. އެފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވަނީ، އެސްއޯއެފް ނަކަމަށްކިޔާ ކުންފުންޏަކުންނެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވިދާޅުވީ، ވޮޑަމުއްލާއަކީ އެމަނިކުފާނުގެ ވެރިކަމުގެ ކުރިން ދޫކޮށްފައިވާ ރަށެއް ކަމަށެވެ.
އެހެންކަމުން އެ ރަށް ކުއްޔަށް ދިނުމާ ގުޅޭ އެއްވެސް ވާހަކައެއް އެއްވެސް ސިފައެއްގައި އެމަނިކުފާނުގެ އަރިހަށް އައިސްފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމަކީ އެމަނިކުފާނާ ހަމައަށް އަންނަންޖެހޭކަމެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުން ކުއްޔަށްދޭ ރަށްތަކުގެ އަގު ކަނޑައެޅުމާ ގުޅޭ އުސޫލެއް އޮންނަ ކަމަށާއި، އެ އުސޫލުން ރަށެއް ދޫކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދަން ހޯދަންނުޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ވޮޑަމުއްލާ ކުއްޔަށް ދިންކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވަންޖެހޭ ސަބަބެއް ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، އެކަމުގައި އެނގިވަޑައިގެން ހުންނަވައި ބޮޑު ގޯހެއް އެމަނިކުފާނު ހެއްދެވިނަމަ އެމައްސަލަ ހައިކޯޓަށް ހުށަނޭޅުއްވީސް ކަމުގައެވެ. އަދި އެސްއޯއެފު އެކައުންޓަށް އެމްއެމްޕީއާރުސީގެ ޗެކަކުން އެއް މިލިއަން ޑޮލަރު ޖަމާވިއިރުވެސް އެސްއޯއެފުގެ އެކައުންޓުގައި 980،000 ޑޮލަރަށްވުރެ އިތުރަށް ފައިސާހުރި ކަމަށާއި އެމަނިކުފާނުގެ އެކައުންޓަށް ވަދެފައިވަނީ އެމްއެމްޕީއާރުސީން ޖަމާކުރި ފައިސާއެއްކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެފަތާރުގެ ހުލާސާ ބަޔާން ހުށަހެޅުމުން، ފަޑިޔާރުންގެ ބެންޗުން ވިދާޅުވީ، ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު