ފަތުރުވެރިން އެއް ރިސޯޓަށް ވުރެ ގިނަ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރެވޭ ގޮތަށް "ސްޕްލިޓް ސްޓޭ"ގެ ހުއްދަ ދީފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނުގައި ވަނީ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މަޝްވަރާކުރެވި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި މިނިސްޓްރީން "ސްޕްލިޓް ސްޓޭ' ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތަށް ނިންމާފައިވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ގިނަ ދުވަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް މަގުފަހިކޮށްދިނުމަށާއި ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ސްޕްލިޓް ސްޓޭ ހުއްދަދިނުމަށް ހަމަޖެހިފައިވަނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ "ސްޕްލިޓް ސްޓޭ" ގައިޑްލައިނަށް ފެތޭ ރިސޯޓުތަކުން އެޗްޕީއޭގެ ޝަރުތުތައް ފުރިހަމަކޮށް އެ މިނިސްޓްރީއަށް ހުށަހެޅުމުން ކަމަށެވެ.
މި ހުއްދައަށް އެދި ފަތުރުވެރިޔާ ދަތުރުކުރުމަށް ހަމަޖެހިފައިވާ ތާރީހުގެ ދެ ދުވަސް ކުރިން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަަމަށްވެސް ބަޔާނުގައިވެއެވެ.
ބޯޑަރު އަލުން ހުޅުވާލައި އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިންގައިވާ ގޮތުން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިން ތިބެން ޖެހޭނީ އެ ފަތުރުވެރިޔަކު ބުކިން ހައްދައިގެން އަންނަ ރިސޯޓެއްގައި ކަމަށެވެ. އަދި އެއް ރިސޯޓުން އަނެއް ރިސޯޓަށް ނުދެވޭނެއެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 15 ގައެވެ. ބޯޑަރު ހުޅުވާލި ނަމަވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް މަދެވެ. ސަރުކާރުން އަންނަނީ ރާއްޖެއަށް ފަތުރުވެރިން އިތުރަށް ގެނައުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު