އާންމު ސިއްހަތަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ކަންކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިގޮތަށް ވިދާޅުވެފައި މިވަނީ ގދ. ތިނަދޫން ކޮވިޑަށް ޕޮޒިޓިވްވި މީހާ ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ގެންދިއުމަށް އެރަށަށް އެރިޔަ ނުދީ ފޮނުވާލުމުންނެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ ސަބަބަކާ ހުރެ ނުވަތަ އެނޫންވެސް އެހެން ސަބަބަކާ ހުރެ އާންމު ސިއްހަތަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"މިފަދަ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެ،" އިމްރާން ވިދާޅުވިއެވެ.

ވިލިނގިލީގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީއަށް އެމީހާ ގެންދިއުމުން އެރަށަށް އެރުވުމާ ދެކޮޅަށް ރައްޔިތުންގެ ބަޔަކު ނުކުމެ ވަނީ އިހުތިޖާޖުކޮށްފައެވެ. އަދި ބަލީ މީހާ ލޯންޗުގައި ގިނަ އިރުތަކެއް ވަންދެން އިނުމަށްފަހު އަލުން އަނބުރާ ތިނަދުއަށް ވަނީ ގެންގޮސްފައެވެ.

ވިލިނގިއްޔަށް ބަލި މީހާ ނޭރުވުމުން މިއަދު ހަވީރު 5:30 ހާއިރު އެއާ ޓެކްސީގައި އެމީހާ ވަނީ މާލެ ފުރުވާލައިފައެވެ.

އެ ކޭސްއާ ގުޅިގެން މިހާތަނަށް 41 މީހަކު ގޭގައި އެކަހެރިވުމަށް އަންގާފައިވެއެވެ. އަދި ދެރަހަ ބޯޓުގެ ނުވަ ފަޅުވެރިންވެސް އެ ބޯޓުގައި ވަނީ ކަރަންޓީންކޮށްފައެވެ.