ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ލިބެން ޖެހޭ ޖޫރިމަނާ ފައިސާ ހޯދަން އިލެކްޝަން ކޮމިޝަން (އީސީ) އިން ދައުވާކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް "ވަން" އަށް ވިދާޅުވީ، ޑީއާރުޕީއާ ދެކޮޅަށް މިދިޔަ ހަފުތާގައި ސިވިލް ކޯޓުގައި ދައުވާކުރީ އެ ޕާޓީގެ ތިން އަހަރުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަނޭޅުމުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ހޯދުމަށް ކަމަށެވެ.
އެއީ 2015 އާއި 2017 އަދި 2018 ވަނަ އަހަރު ކުރި ޖޫރިމަނާ އެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ޖޫރިމަނާތަކެއް ކަމެއް ނޭނގެ އެވެ. އެ މައްސަލަ އަދި ކޯޓަށް ބަލައިގެންފައެއް ނުވެއެވެ.
ޑީއާރުޕީއާ ދެކޮޅަށް އީސީން ދައުވާ ކުރި އިރު، 2018 އަދި 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޯޑިޓް ރިޕޯޓު ހުށަހަޅާފައިނުވާތީ އާއި 2016 އަދި 2019 ގައި ކޮށްފައިވާ ޖޫރިމަނާތަކުގެ ފައިސާ ދައްކާފައިނުވާތީ، ދެ ފަހަރެއްގެ މަތިން އެ ފައިސާ ދެއްކުމަށް ކޮމިޝަނުން އެންގުމުންވެސް ފައިސާ ދައްކާފައިނުވާތީ މިދިޔަ ޖޫން މަހުގެ ތެރޭގައި އެޕާޓީއަށް އިލެކްޝަން ކޮމިޝަނުން ވަނީ ފިޔަވަޅު އަޅައިފަ އެވެ.
އެހެންކަމުން އެކަންކަން އިސްލާހު ނުކޮށްފިނަމަ އިތުރަށް އަޅަން ހުރި އެންމެ ފަހުގެ ފިޔަވަޅާ ބެހޭގޮތުން އެ ޕާޓީއާއެކު މަޝްވަރާކޮށް ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް އީސީން މިދިޔަ ޖޫން މަހުގެ ތެރޭގައި ވަނީ ބުނެފަ އެވެ.
ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނު ބުނާގޮތުން އޮޑިޓް ރިޕޯޓް ހުށަނާޅާ ނަމަ 20،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ އެވެ.
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން