ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތިން ބިލެއް ތަސްދީގު ކުރައްވައިފި އެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި މިއަދު ރައީސް ސޯލިހު ތަސްދީގު ކުރައްވާފައިވަނީ ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލާއީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ބިލާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހަތަރު ވަނަ އިސްލާހު ގެނައުމުގެ ބިލް ކަމަށެވެ.
މި ތިން ބިލަކީވެސް މިމަހު 18ގައި ބޭއްވި ރައްޔިތުން މަޖިލީހުގެ މިއަހަރުގެ 28 ވަނަ ޖަލްސާގައި ފާސްކުރި ތިން ބިލުކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
އެގޮތުން މިއަދު ރައީސް ތަސްދީގު ކުރެއްވި ތިން ބިލުގެ ތެރެއިން ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދާ ދެމެހެއްޓުމުގެ ބިލުގައި ރާއްޖޭގައި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ އުސޫލުތައް ކަނޑައަޅާފައިވާ ކަމށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން މި ބިލުގައި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ހަނިވާގޮތަށް ހިންގާ ވިޔަފާރީގެ އަމަލުތަކުގެ ސަބަބުން ގައުމުގެ އިގުތިސާދީ ކުރިއެރުމަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމަށްޓަކާ ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް ހުރަސްއަޅާ އެއްބަސްވުންތަކާއި އެފަދަ ވިޔަފާރީގެ އަމަލުތައް މަނާކުރުމުގެ އުސޫލުތައްވެސް ހިމެނޭ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި އެފަދަ އަމަލުތައް ހިންގާ މީހުންނަށް ފިޔަވަޅުއެޅުމާ ގުޅޭ އުސޫލުތައްވެސް މި ބިލުގައި ވާނެ ކަމަށް ރައީސް އޮފީހުން ފާހަގަ ކުރެއެވެ.
މިއަދު ރައީސް ސޯލިހު ތަސްދީގު ކުރެއްވި މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ބިލުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ކަނޑައަޅާ އެ ހައްގުތައް ހިމާޔަތްކުރުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި މި ބިލުގައި ވިއްކާ މުދަލެއް ނުވަތަ ފޯރުކޮށްދޭ ހިދުމަތެއްގައި ފުރިހަމަވާންޖެހޭނެ ޝަރުތުތަކާއި މިންގަނޑުތައް ހިމަނާފައިވާނެ ކަމަށާއި، އެފަދަ ޝަރުތުތަކާއި މިންގަނޑުތަކާ ހިލާފަށް މުދާ ވިއްކާ މީހުންނާއި ހިދުމަތް ފޯރުކޮށްދޭ މީހުން އަމަލުކޮށްފައިވާނަމަ ފިޔަވަޅު އެޅުމުގެ އުސޫލުތައް ހިމަނާފައިވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ރައީސް ތަސްދީގު ކުރެއްވި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި ހަތަރު ވަނަ އިސްލާހުގެ ބިލުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީއަށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް އެ މިނިސްޓްރީން ގާއިމުކުރަންޖެހޭނެކަމަށް ކަނޑައަޅައިފައިވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. ހަމައެއާއެކު މި ބިލުގައި ޖޫރިމަނާގެ ފައިސާ ނުދައްކާނަމަ އެ ފައިސާއަކީ އެމީހަކު ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްކަމުގައި ކަނޑައަޅާފައިވާ ކަމަށާއި، އެ ފައިސާ ހޯދުމުގެ ބާރު މީރާއަށް ލިބިފައިވާ ކަމަށް ކަނޑައަޅާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ރައީސް ސޯލިހު މި ތިން ބިލުވެސް ތަސްދީގުކުރެއްވުމާއި ގުޅިގެން މި ތިން ގާނޫނު މިއަދު ގެޒެޓުގައި ޝާއިއުކޮށްފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު