ބޭންކް އޮފް މޯލްޑިވްސް އިސްލާމިކުން ދޫކޮށްފައިވާ ފައިނޭންސަށް ފައިސާ ދެއްކުންވެސް އިތުރު ތިން މަހަށް އިތުރުކޮށްދީފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އާންމުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލުން ވަނީ މިދިޔަ މާޗު މަހުން ފެށިގެން އެ ބޭންކުން ނަގާފައިވާ ލޯނާއި ފައިނޭންސިން އަށް ފައިސާދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދީފަ އެވެ.

އެގޮތުން ހުޅުވާލި ފުރުސަތުގައި މިދިޔަ ޖުލަައި މަހުގެ ނިޔަލަށް ޕާސަނަލް، ހައުސިން އަދި ވިޔަފާރި ލޯނާއި ފައިނޭންސް ހިމެނޭ ގޮތަށް 17700 ލޯނު ހަ މަސްދުވަހަށް ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށް ބީއެމްއެލުން ބުނެ އެވެ.

ފައިނޭންސް އަށް ދައްކަންޖެހޭ ފައިސާ އަނބުރާދެއްކުން ފަސްކޮށްދީފައިވާ ގިނަ ކަސްޓަމަރުންނަށް ދީފައިވާ ހަ މަސްދުވަހުގެ މުއްދަތު ނިމުމަކަށް އައިސްފައިވާތީ، ބީއެމްއެލުން މިހާރު ވަނީ ކަސްޓަމަރުންނަށް ފައިނޭންސަށް ދައްކަންޖެހޭ ފައިސާ އަނބުރާ ދެއްކުން ފަސްކުރުމަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ދިނުމަށް ނިންމައިފަ އެވެ.

ބީއެމްއެލް އިސްލާމިކުން ބުނީ، އެ ފުރުސަތު ލިބިގެންދާނީ މިހާރުވެސް މޮރަޓޯރިއަމްއަށް އެދި ހުށަހަޅާފައިވާ ކަސްޓަމަރުންގެ ތެރެއިން ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ފައިސާ ދައްކަން ފަށަންޖެހޭ ކަސްޓަމަރުންނަށް ކަމަށެވެ.

އޭގެ އިތުރުން ބީއެމްއެލް އިސްލާމިކުން ދޫކޮށްފައިވާ ފައިނޭންސް އަށް ދައްކަންޖެހޭ ފައިސާ ފަސްކޮށްދިނުމަށް މިހާތަނަށް އެދި ހުށަހަޅާފައި ނުވާ ފަރާތްތަކަށް މިއަހަރުގެ ޑިސެމްބަރުގެ މަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލް އިސްލާމިކުން ބުނީ، ފައިނޭންސަށް އަނބުރާ ފައިސާދެއްކުން ފަސްކުރުމަށް އިތުރު ފުރުސަތަކަށް އެދި ހުށަހެޅުމުގެ ޝަރުތު ހަމަވާ ކަސްޓަމަރުންނަށް އަންނަ މަހުގެ އަށަކުން ފެށިގެން 30 ނޮވެމްބަރުގެ ނިޔަލަށް ބޭންކުގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

ނަމަވެސް ފައިނޭންސަށް އަނބުރާދައްކަން ޖެހޭ ފައިސާ ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފައިސާ ދެއްކޭނެ ކަސްޓަމަރުން ދެވަނަ ފަހަރަށް ފައިސާދެއްކުން ފަސްކޮށްދިނުމަށް އެދި ކޮންމެހެން ހުށަހަޅަން ނުޖެހޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.