ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނަގާފައިވާ ލޯނާއި ފައިނޭންސިން އަށް ފައިސާދެއްކުން ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިނުވާ މީހުންނަށް މުއްދަތު އިތުރުކޮށްދީ، ލޯނަށް ދައްކަން ޖެހޭ ފައިސާ އަނބުރާ ދެއްކުން ފަސްކުރުމަށް އެދި އާ ފުރުސަތެއް ދިނުމަށް ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އާންމުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލުން ވަނީ މިދިޔަ މާޗު މަހުން ފެށިގެން ބޭންކުން ނަގާފައިވާ ލޯނާއި ފައިނޭންސިން އަށް ފައިސާދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދީފަ އެވެ.

އެގޮތުން ހުޅުވާލި ފުރުސަތުގައި މިދިޔަ ޖުލައި މަހުގެ ނިޔަލަށް ޕާސަނަލް، ހައުސިން އަދި ވިޔަފާރި ލޯނާއި ފައިނޭންސް ހިމެނޭ ގޮތަށް 17700 ލޯނު ހަ މަސްދުވަހަށް ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށް ބީއެމްއެލުން ބުނެ އެވެ.

ލޯނަށް ދައްކަންޖެހޭ ފައިސާ ފަސްކޮށްދީފައިވާ ގިނަ ކަސްޓަމަރުންނަށް ދީފައިވާ ހަ މަސްދުވަހުގެ މުއްދަތު ނިމުމަކަށް އައިސްފައިވާތީ، ބީއެމްއެލުން ވަނީ ކަސްޓަމަރުންނަށް ލޯނަށް ދައްކަންޖެހޭ ފައިސާ އަނބުރާ ދެއްކުން ފަސްކުރުމަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ދިނުމަށް ނިންމައިފަ އެވެ.

ބީއެމްއެލުން ބުނީ، އެ ފުރުސަތު ލިބިގެންދާނީ މިހާރުވެސް މޮރަޓޯރިއަމްއަށް އެދި ހުށަހަޅާފައިވާ ކަސްޓަމަރުންގެ ތެރެއިން ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ފައިސާ ދައްކަން ފަށަންޖެހޭ ކަސްޓަމަރުންނަށް ކަމަށެވެ.

އޭގެ އިތުރުން ބީއެމްއެލުން ދޫކޮށްފައިވާ ލޯނަށް ދައްކަންޖެހޭ ފައިސާ ފަސްކޮށްދިނުމަށް މިހާތަނަށް އެދި ހުށަހަޅާފައިނުވާ ފަރާތްތަކަށް މިއަހަރުގެ ޑިސެމްބަރުގެ މަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލުން ބުނީ، ލޯނަށް އަނބުރާ ފައިސާދެއްކުން ފަސްކުރުމަށް އިތުރު ފުރުސަތަކަށް އެދި ހުށަހެޅުމުގެ ޝަރުތު ހަމަވާ ކަސްޓަމަރުންނަށް އަންނަ މަހުގެ އަށަކުން ފެށިގެން 30 ނޮވެމްބަރުގެ ނިޔަލަށް ބޭންކުގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އަދި ލޯނަށް އަނބުރާ ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފައިސާ ދެއްކޭނެ ކަސްޓަމަރުން ދެވަނަ ފަހަރަށް ފައިސާދެއްކުން ފަސްކޮށްދިނުމަށް އެދި ކޮންމެހެން ހުށަހަޅަން ނުޖެހޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.