ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލެ ފޭސް އެކެއްގައި ތަރައްގީކުރާ 182 ހައުސިން ޔުނިޓުގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު މިއަދު ވިދާޅުވި ގޮތުގައި، މި މަސައްކަތް ކުރިއަށްދަނީ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ތަރައްގީކުރާ 364 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ތެރެއިންނެވެ.

މި 364 ހައުސިން ޔުނިޓު ހުޅުމާލެ ފޭސް އެކެއްގައި ތަރައްގީކުރަނީ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިންނެވެ. ސައީދު ފާހަގަކުރެއްވި ގޮތުގައި، އެ ކުންފުނިން މި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަނީ އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެންނެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ކަމަށްވާ 182 ޔުނިޓުގެ ފައުންޑޭޝަނާއި ކޮންކްރީޓް މަސައްކަތް މިހާރު ދަނީ ހިނގަމުންނެވެ.

5 ނޮވެމްބަރު 2026، ބީއެމްއެލުން ހުޅުމާލެ ފޭސް އެކެއްގައި ތަރައްގީކުރާ ހައުސިން ޔުނިޓުތަކުގެ މަސައްކަތްތަކުގެ ތެރެއިން -- ފޮޓޯ/ ބީއެމްއެލް

މީގެ އިތުރުން، މާލޭ ސިޓީގައި މިވަގުތު ޖުމްލަ 3،260 ހައުސިން ޔުނިޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ހިނގަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި މި ހައުސިން ޔުނިޓުތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމައިލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލުން ހުޅުމާލޭ ފޭސް އެކެއްގެ އިތުރުން ހުޅުމާލޭ ފޭސް ދޭއް، ހުޅުމާލޭ ފޭސް ތިނެއް އަދި ވިލިމާލޭގައި ވެސް ހައުސިން ޔުނިޓުތައް ތަރައްގީކުރުމަށް ނިންމައި، އެ މަސައްކަތްތައް ވަނީ ފަށައިފައެވެ.