ޓައިނީ ހާޓްސް އޮފް މޯލްޑިވްސްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "ބޭންކް ފަންޑު"ގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ "ހާޓް ހެލްތީ ރާއްޖެ" ޕްރޮޖެކްޓް ނިންމާލައިފިއެވެ.
ބީއެމްއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި މަޝްރޫއަކީ ކަސްރަތާއި ހިތުގެ ދުޅަހެޔޮކަމަށް އާންމުން ހޭލުންތެރިކުރުވުމަށާއި، ކަސްރަތު ކުރުމުގެ ފުރުސަތު އެންމެންނަށް ފަހިކޮށްދީ، ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭ ގައުމީ މަސައްކަތުގައި ބައިވެރިވުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ.
ރާއްޖޭގެ "ފިޒިކަލް އެކްޓިވިޓީ ގައިޑްލައިން (2022)"ގެ މައްޗަށް ބިނާކޮށް، މި ޕްރޮޖެކްޓުގެ ދަށުން ވަނީ ކަސްރަތު ކުރާނެ ގޮތުގެ 10 ވީޑިއޯއެއް ތައްޔާރުކޮށްފައެވެ. ތަފާތު އުމުރުފުރާތަކަށާއި ޖިސްމާނީ ގާބިލިއްޔަތު ހުރި މިންވަރަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ މި ވީޑިއޯތަކުގެ ތެރޭގައި ތުއްތު ކުދިންނާއި، ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، ބޮޑެތި މީހުންގެ އިތުރުން ދޮށީ އުމުރުގެ މީހުންނަށް ހާއްސަ ވީޑިއޯތައް ހިމެނެއެވެ. މި ވީޑިއޯތައް ޓައިނީ ހާޓްސްގެ ވެބްސައިޓުންނާއި އެކަމަށް ހާއްސަކޮށްފައިވާ އިންސްޓަގްރާމް ޕޭޖުން ބަލައިލެވޭނެއެވެ. އަދި ގިނަ ބަޔަކަށް މި ވަސީލަތްތައް ފޯރުކޮށްދިނުމަށްޓަކައި، ވީޑިއޯތައް ޑައުންލޯޑް ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފައެވެ.
"ހާޓް ހެލްތީ ރާއްޖެ މަޝްރޫއުގެ އަމާޒަކީ ކޮންމެ އުމުރެއްގެ، ކޮންމެ ހާލަތެއްގައި ހުރި މީހަކަށް ވެސް ކަސްރަތު ކުރުމުގެ މަގު ފަހިކޮށްދިނުން. ބީއެމްއެލްގެ ބޭންކް ފަންޑުގެ އެހީއާއެކު މި ވަސީލަތްތައް މުޅި ރާއްޖޭގެ އާއިލާތަކަށާއި ރަށްރަށަށް ހިލޭ ފޯރުކޮށްދިނުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބިގެން ހިނގައްޖެ،" ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ ޗެއާޕާސަން ޖީހާން މަހްމޫދު ވިދާޅުވިއެވެ.
ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ހުޅުވާލައިގެން ބީއެމްއެލުން ކޮންމެ އަހަރަކު ކުރިއަށްގެންދާ ހިލޭ އެހީ ފޯރުކޮށްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން މުޖުތަމައަށް ފައިދާހުރި ކަންކަން ހިންގުމަށް ކޮންމެ އަހަރަކުވެސް ފަސް މަޝްރޫއެއް ހޮވައި، އެއިން ކޮންމެ މަޝްރޫއަކަށް ދެ ލައްކަ ރުފިޔާގެ އެހީތެރިކަން އެ ބޭންކުން ފޯރުކޮށްދެއެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ކޮމެންޓް